ޚަބަރު

"މެއިމަހު، އައްޑޫ ކޮންވެންޝަން ސެންޓަރ ހޮސްޕިޓަލަކަށް ބަދަލުވާނެ"


އައްޑޫ ކޮންވެންޝަން ސެންޓަރ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ނިންމާ ޚިދުމަތް ދޭން ފެށޭވަރު ވާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުހައްމަދު މުޢިއްޒު މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމަށް އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދާ ދަތުރުފުޅުގައި، ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. މިނިސްޓަރ ވިދާޅުވީ ޚާއްސަ ޕްރޮޖެކްޓް މެނޭޖްމަންޓް ޓީމަކުން މިމަސައްކަތް ވަރަށް ގާތުން ބަލަމުންދާކަމަށެވެ. 

ކޮންވެންޝަން ސެންޓަރު 100 އެނދުގެ ޖާގައިގެ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ އެލިޔާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 161 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.

img:http://s2.psmnews.mv/images/660x400/15053821062847.jpg|އައްޑޫ ކޮންވެންޝަން ސެންޓަރ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ހައުސިން މިނިސްޓަރ ބައްލަވާލައްވަނީ -

ބޭރުގެ ލޯނު އެހީގައި ހިންގާ މި މަޝްރޫއުގެ ކޮންޓްރެކްޓުގައި މިދިޔަ ނޮވެމްބަރުމަހު ސޮއިކޮށްފައިވާއިރު، ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެތެރޭގައެވެ. މިނިސްޓަރ ވަނީ ހިތަދޫ އާއި މަރަދޫގެ ހައުސިންގް އޮފީހަށް ޒިޔާރަތްކުރައްވާފައެވެ. ހިތަދޫގައި ހައުސިންގް ޔުނިޓް ޢިމާރާތްކޮށްފައިވާ ސަރަޙައްދަށް ވަޑައިގެން، ފްލެޓުތައްވެސް މިނިސްޓަރ ބައްލަވާލެއްވިއެވެ. އަދި ހިތަދޫގެ ގިރާ ސަރަޙައްދަށް ވަޑައިގެން ގޮނޑުދޮށް ގިރަން ދިމާވާ މައްސަލަތައްވެސް މިނިސްޓަރ ވަނީ އޮޅުންފިލުއްވަވާފައެވެ. 

މި ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރުގައި، ގިނަ ޚިދުމަތްތައް ދެވޭގޮތަށްއަޅާ 100 އެދުގެ ހޮސްޕިޓަލެކެވެ.