ކުޅިވަރު

މޮޅަށް ކުޅެ، ތިން ޕޮއިންޓް ނުލިބުމުން ލިވަޕޫލަށް މާޔޫސްކަން


ޗެމްޕިއަންސް ލީގުގައި ރޭ ސެވިއްޔާއާ ބައްދަލުކޮށް މޮޅަށް ކުޅެ ލީޑް ހޯދި ނަމަވެސް 2-2 ން އެއްވަރުވުމުން ލިވަޕޫލް މާޔޫސްވެއްޖެއެވެ.

މުބާރާތުގައި ކުޅޭ އިނގިރޭސި ފަސް ޓީމުގެ ތެރެއިން މޮޅުނުވެވުނު ހަމައެކަނި ޓީމުގެ ކޯޗު މެޗަށް ފަހު ބުނީ 86 ވަނަ މިނިޓާ ހަމައަށް އޭނާ ހުރީ ވަރަށް އުފަލުން ކަމަށާއި، ނަމަވެސް މޮޅުނުވުމުގެ މާނައަކީ އެކަމާ ދެރަވެފައިތިބުން ނޫން ކަމަށެވެ.

ވިސާމް ބެން ޖެހި ގޯލަށް ފަހު ފަހަތުން އަރައި ލިވަޕޫލަށް ލީޑް ހޯދައިދިނީ ރޮބާޓޯ ފާމީނިއޯ އާއި މުހައްމަދު ސަލާހްއެވެ. ނަމަވެސް ލީޑް ފުޅާކުރަން ލިބުނު ޕެނަލްޓީ ފާމީނިއޯ އަތުން ނާކާމިޔާބުވީ ދަނޑީގައި ޖެހިފައެވެ. މިއީ 2007ގެ ފަހުން ޗެމްޕިއަންސް ލީގަށްފަހު ލިވަޕޫލަށް ޕެނަލްޓީއެއް ނާކާމިޔާބި ފުރަތަމަ ފަހަރެވެ. ލިވަޕޫލަށް މެޗުން ތިން ޕޮއިންޓް ގެއްލުނީ 86 ވަނަ މިނިޓްގައި ސެވިއްޔާގެ ޔަކުއިން ކޮރެއާ ޖެހި ގޯލުންނެވެ.

ކޯޗު ކްލޮޕް ބުނީ ޕޮއިންޓަކުން ފުއްދާލަޖެހުނަސް އެއީ ލިވަޕޫލަށް ހައްގު މިންވަރުނޫންކަން ކުޅުމުން ސާބިތުކޮށްދެވިފައިވާ ކަމަށެވެ. ނަމަވެސް ރަނގަޅު ކުރަންޖެހޭ ކަންތައްތައް ބައިވަރު އެބަހުރި ކަމަށާއި ރޭގެ މެޗުގައި ކުޅުނުހާ މޮޅަށް ކުޅޭނަމަ އިތުރު ޕޮއިންޓް ލިބޭނެކަން ޔަގީންވާތީ އޭނާ ހާސްނުވާ ކަމަށެވެ. މެޗުގައި ސެވިއްޔާގެ ކޯޗު ބެންޗުން ފޮނުވާލުމުގައި އޭނާގެ އެެއްްވެސް ދައުރެއް ނެތް ކަމަށް ވެސް ކްލޮޕް ވަނީ ބުނެފައެވެ.

ކެޕްޓަން ޖޯޑަން ހެންޑަސަން ބުނީ މިއީ ތިން ޕޮއިންޓް ލިބެންވީ މެޗެއް ކަމަށާއި، ޕެނަލްޓީ ކާމިޔާބުވިނަމަ މެޗު ވަރަށް ބޮޑަށް ބަދަލުވީސްކަމަށެވެ. ނަމަވެސް ފާމީނިއޯ އަތުން ޕެނަލްޓީ ނާކާމިޔާބި ނަމަވެސް އެކަމާ ޝަކުވާއެއްނެތް ކަމަށާއި ގޯސް ހެދޭނީ ވެސް ކުޅުންތެރިން އަތުން ކަމަށެވެ.