ކުޅިވަރު

ގާޑިއޯލާގެ ތައުރީފް ޑިފެންޑަރު ސްޓޯން އަށް


ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީ މޮޅުވި މެޗަށް ފަހު ޑިފެންޑަރު ޖޯން ސްޓޯން އަށް ކޯޗު ޕެޕްގާޑިއޯލާ ތައުރީފް ތައުރީފްކޮށްފިއެވެ.

ފޭނޫޑް އަތުން 4-0 ން ސިޓީ މޮޅުވި މެޗުގައި ފުރަތަމަ ގޯލާއި ފަހު ގޯލު ޖަހައިދިނީ އިނގިރޭސި ޑިފެންޑަރު ސްޓޯންއެވެ. ގާޑިއޯލާ ސިޓީއާ ހަވާލުވެ މިދިޔަ ސީޒަނުގައި އެވަޓަންއިން ގަތް ޑިފެންޑަރު ސްޓޯން ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖެހީ މެޗުގެ ފުރަތަމަ ދޮޅު މިނިޓް ތެރޭގައެވެ. މިއީ ޗެމްޕިއަންސް ލީގުގައި ސިޓީގެ އެންމެ އަވަސްގޯލެވެ. އޭނާ ޖެހި ދެ ގޯލާ ބެހޭ ގޮތުން މެޗަށް ފަހު ވާހަކަ ދައްކަމުން ސްޓޯން ބުނީ ދެ ގޯލު ޖެހިއިރު ވެސް އެންމެ ބޮޑަށް އެހީތެރިވެދިން ކުޅުންތެރިއަކީ މިޑްފީލްޑަރު ކެވިން ޑެބްރޫނޭ ކަމަށާއި އެފަދަ މޮޅު ކުޅުންތެރިއަކާއެކު ކުޅެވޭތީ އުފާކުރާ ކަމަށެވެ. ސިޓީގެ އަނެއް ދެ ލަނޑު ޖެހީ ސާޖިއޯ އަގުއެރޯ އާއި ގަބްރިއަލް ޖެސޫސްއެވެ.

މެޗަށް ފަހު ކޯޗު ގާޑިއޯލާ ބުނީ އެޓޭކް ކުރުމާއި ޑިފެންސް ކުރުމުގައި ވެސް ސްޓޯން އަކީ މޮޅު ކުޅުންތެރިއެއް ކަން ސާބިތުކޮށްދީފި ކަމަށެވެ. އަދި ސްޓޯން އަކީ ވަރަށް ޒުވާން ކުޅުންތެރިއަކަށްވުމުން ގިނަކަންކަން ދަސްވާ ވަރަކަށް އޭނާ މޮޅުވަމުންދާނެ ކަމަށެވެ.

ގާޑިއޯލާ ބުނީ ހުސްވި ސީޒަނުގެ ޗެމްޕިއަންސް ލީގު ސިޓީއަށް ނާކާމިޔާބުވީ އަމިއްލަ ދަނޑުގައި މޮޅުނުވެވުމުން ކަމަށެވެ. ނަމަވެސް އެއާހިލާފަށް މިފަހަރު އަމިއްލަ ދަނޑުގައި ތަފާތު ބޮޑު މޮޅަކުން މުބާރާތް ފެށުމުން އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށެވެ. އަދި ކައުންޓަ އެޓޭކް ކުރުމުގެ ބަދަލުގައި އޭނާގެ އެޓޭކިން ގޭމަށް މުޅި ޓީމު ވެސް މިހާރު ހޭނެމުންދާ ކަމަށް ވެސް ގާޑިއޯލާ ވަނީ ފާހަގަކޮށްފައެވެ.