މިއަހަރުގެ ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ ފަށައިފިއެވެ.
ބަނޑޮސް އައިލެންޑް ރިސޯޓްގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި މަހާސިންތާ ފަށްޓަވައި ދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދެވެ. މިއަހަރުގެ މަހާސިންތާ ޚާއްސަ ކޮށްފައިވަނީ ޖުވެނިއަލް ޖަސްޓިސްގެ ނިޒާމް ހަރުދަނާ ކުރުމާއި އެކަންކަމާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރުމަށެވެ. މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވިދާޅުވީ ރާއްޖޭގެ ޝަރުޢީ ނިޒާމް ޚަރުދަނާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ.
އެގޮތުން ސިވިލް ކޯޓުގައި މިހާރު ޤާއިމްކޮށްފައިވާ ޑިސްޕިއުޓް ރިޒޮލިއުޝަން ނުވަތަ ޝަރީޢަތަކާ ނުލައި މައްސަލަތައް ޙައްލު ކުރުމުގެ ނިޒާމުގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވެގެން ގޮސްފައިވާކަމަށެވެ. މިއަހަރުގެ ފަނޑިޔާރުންގެ މަހާސިންތާ ޚާއްސަކޮށްފައިވާ ޖުވެނިއަލް ޖަސްޓިސްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކުޑަކުދިން ކުށްތަކަށް އަރައިގަތުން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ.
މި ރަސްމިއްޔާތުގައިވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއާ ޖުޑީޝަލް އެކަޑަމީއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމަކީ، ޝަރުޢީ ދާއިރާ ހަރުދަނާ ކުރުމުގެ ގޮތުން ސޮއިކުރެވިގެން ދިޔަ އެއްބަސްވުމެކެވެ.
މި ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ދަޢުލަތުގެ ބަންޑާރަނާއިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.