ދުނިޔެ

ޓްރަމްޕް އޭޝިޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ނޮވެމްބަރުގައި


އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ރިޔާސަތުގައި އޭޝިޔާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، އަންނަ ނޮވެމްބަރުމަހު ޗައިނާއަށް ވަޑައިގަންނަވާނެކަމަށް އެމެރިކާގެ ސަރުކާރުން ހާމަކޮށްފިއެވެ.

މިގޮތުން އަންނަ ނޮވެމްބަރު މަހު ފިލިޕީންސްގައި ބާއްވާ އާޝިއާން އެމެރިކާ ސަމިޓާ، ވިއަޓްނާމްގައި އޮންނަ އޭޝިޔާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން އޭޕްކް ސަމިޓްގައި ބައިވެރިވަޑައިގަތުމަށް އެމެރިކާގެ ރައީސް ޓްރަމްޕް އޭޝިޔާއަށް ދަތުރެއް ކުރައްވާނެކަމަށް ރޮއިޓަރސްއިން ވަނީ ރިޕޯޓްކޮށްފައެވެ.

މި ދަތުރުގައި ޓްރަމްޕް ޗައިނާއަށް ވަޑައިގަންނަވާނެކަމަށް އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވާއިރު، ޗައިނާގެ ޚާރިޖިއްޔާއިން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން އޭޕްރިލް މަހު އެމެރިކާއަށް ކުރެއްވި ދަތުރުގައި ވަނީ، ޓްރަމްޕް ޗައިނާއަށް ވަޑައިގަތުމަށް ދައުވަތު އަރުއްވާފައެވެ. އަނެއްކޮޅުން، ޖަޕާނުގެ ދައުލަތުގެ މީޑިއާ އެން.އެޗް.ކޭ އިން ބުނެފައިވަނީ ޓްރަމްޕް އޭޝިޔާއަށް ކުރައްވާ ދަތުރުގައި ޖަޕާނާ ދެކުނު ކޮރެއާއަށްވެސް ޒިޔާރަތް ކުރައްވެއްވުމާ މެދު ވިސްނާވަޑައި ގަންނަވަމުންދާކަމަށް ޖަޕާނުގެ ޑިޕްލޮމެޓުން ހާމަކޮށްފައިވާކަމަށެވެ. އެމެރިކާގެ ރައީސް އޭޝިޔާއަށް ދަތުރެއް ކުރައްވަން ހަމަޖައްސަވާފައި މިވަނީ، އުތުރު ކޮރެއާގެ މައްސަލައިގައި ސަރަހައްދުގެ އިތުރުން މުޅި ބައިނަލްއަޤުވާމީ މުޖުތަމަޢު، ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ.

މިމަހުގެ ކުރީކޮޅު އުތުރު ކޮރެއާއިން އެ ގައުމުގެ 6 ވަނަ ނިއުކްލިޔަރ ޓެސްޓްކޮށްފައިވާއިރު، އދގެ ސަލާމަތީ މަޖިލީހުން ހޯމަ ދުވަހު ވަނީ، އެ ގައުމާ ދެކޮޅަށް އަނެއްކާވެސް، ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.