ޚަބަރު

ހޯމް ބަޓަން އުނިކޮށް، އައިފޯނު 10 ލޯންޗުކޮށްފި


އެޕަލް އައިފޯނުގެ އާ ވާޝަން ނެރޭ ތާރީޚަށް މުޅިއަހަރު އެޕަލްގެ ޕްރޮޑަކްތަކަށް ޝައުޤުވެރިވާ ގިނަބަޔަކު އިންތިޒާރުކުރެއެވެ. އެޕަލްގެ ސެޕްޓެމްބަރ އިވެންޓާއެކު ގިނަބައެއްގެ އިންތިޒާރުތަކަށްވަނީ ނިމުން އައިސްފައެވެ. އެޕަލް ކުންފުނީގެ ބާނީ ސްޓީވް ޖޮބްސްގެ ނަމުން ނަންދީފައިވާ ސްޓީވް ޖޮބްސް ތިއޭޓަރ ރަސްމީކޮށް އިފްތިތާޚް ކުރެއްވުމަށްފަހު އެތަނުގައި ބޭއްވި އިވެންޓްގައި އައިފޯން 8 ގެ އިތުރުން، އެކުންފުނީގެ 10 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި އައިފޯން 10 ވަނީ ލޯންޗްކޮށްފައެވެ.

އެޕަލް ކުންފުނީގެ އުފެއްދުންތަކުގައި ފެށުނީންސުރެ ބޭނުންކުރަމުންދާ "ހޯމް ބަޓަން" އައިފޯން 10 ގައި ނުހުރެއެވެ. މިއީ އައިފޯންގެ ތާރީޚްގައިވެސް މިހާތަނަށް ގެނައި އެންމެ ބޮޑު އެއް ބަދަލަށް ވެގެންދާނެއެވެ. ފުލް ޓަޗް ސްކްރީނަކާއެކު ލޯންޗްކުރި އައިފޯން 10 ގައި ފިންގަރ ޕްރިންޓްގެ ބަދަލުގައި ހިމަނާފައި ވަނީ ފޭސް އައިޑީއެވެ. ފޯނު ހުޅުވުމަށް ފިންގަރ ޕްރިންޓް ޖެހުމުގެ ބަދަލުގައި ފޯނުގެ ސްކްރީނަށް ބަލައިލުމުން އަން ލޮކް ވާގޮތަށް ވަނީ ޑިޒައިންކޮށްފައެވެ. "މިހާރު އައިފޯނަށް އޭގެ ވެރިފަރާތް ވަކިކުރަން އެނގޭނެ، އަދި ވެރިފަރާތުގެ މޫނަށް އަންނަ ބަދަލުތައްވެސް ދެނެގަނެވޭނެ." އައިފޯން ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި އެކުންފުނީގެ ސީ.އީ.އޯ ޓިމް ކުކް ބުންޏެވެ.

img:http://s2.psmnews.mv/images/660x400/15053054536974.jpg|އައި ފޯނު 10 / މިފޯނުގައި ހޯމް ބަޓަން ވަނީ އުނިކޮށްފައި

އައިފޯން 10 ގެ ކެމެރާގައި މުޅިން އާ ފީޗަރތައްވެސް ވަނީ ހިމަނާފައި، އެގޮތުން ފްރަންޓް ކެމެރާގައި ޕޯޓްރެއިޓް މޯޑްގައި ފޮޓޯނެގުމާއި، ޕޯޓްރެއިޓް ލައިޓިންގެ ނަމުގައި އާ ފީޗަރއެއް ވަނީ ތަޢާރަފްކޮށްފައެވެ. އައިފޯން 10 ގައި ސްޓޫޑިއޯގައި ނަގާ ފޮޓޯއާ އެއްފެންވަރެއްގެ ފޮޓޯނެގޭނެކަމަށް އެކުންފުނިން ބުނެއެވެ.

އެޕަލް ކުންފުނިންރޭ އަލަށް ނެރުނު އައިފޯން 8 އަދި 8 ޕްލަސްގެ ޑިޒައިނަށް ގެނައި އެންމެ ބޮޑު ބަދަލަކީ ކުރިން އައިފޯނުގެ ފަހަތުގައި ބޭނުންކުރަމުންދިޔަ އެލުމިނިއަމްގެ ބަދަލުގައި، ބިއްލޫރި ބޭނުންކޮށްފައިވުމުންނެވެ. އާ އައިފޯންގެ ދެފަރާތްވެސް ފަރުމާކޮށްފައިވަނީ ފަސޭހައިން ތަޅައިގެން ނުދާ ބިއްލޫރިންނެވެ. އައިފޯން 8 އަދި 10 ގައި ވެސް ބޭނުންކޮށްފައިވަނީ ކުރިން ބޭނުންކުރަމުންދިޔަ އޭ 10 ޗިޕަށްވުރެ 70 ޕަސެންޓް އަވަސް އޭ 11 ޗިޕެކެވެ.

އެޕަލް ކުންފުނިން އަލަށް ތައާރަފްކުރި އައިފޯން 8، 8 ޕްލަސް އަދި 10 ގައި އެންމެ ފާހަގަކޮށްލެވޭ އަނެއް ފީޗަރއަކީ، މި ހުރިހާ ފޯނެއްވެސް ވަޔަރލެސްކޮށް ޗާރޖް ކުރެވޭގޮތަށް ޑިޒައިންކޮށްފައިވުމެވެ. އެގޮތުން އެޕަލްއިން އަލަށް ތަޢާރަފްކުރި އެއަރޕަވަރ މެޓް މަތީގައި ފޯނު ބޭއްވުމުން އިތުރު އެއްޗަކަށް ފޯނު ކަނެކްޓް ކުރުމާ ނުލައި ވަޔަލެސްކޮށް ފޯނު ޗާޖުވެއެވެ. އެއަރޕަވަރ މެޓް ބޭނުންކޮށްގެން އެޕަލް ވޮޗް އަދި އެއަރޕޮޑްވެސް ޗާރޖް ކުރެވެއެވެ.

img:http://s4.psmnews.mv/images/660x400/15053054694839.jpg|އައި ފޯނު 10 / މިފޯނުގައި ހޯމް ބަޓަން ވަނީ އުނިކޮށްފައި

އެޕަލްގެ އާ އައިފޯންތައް އޮޕަރޭޓް ކުރަނީ އެކުންފުނީގެ އާ އޮޕަރޭޓިންގ ސިސްޓަމް، އައި.އޯ.އެސް 11 ގައެވެ. އެޕަލްއިން އަލަށް ނެރުނު އެޕަލް ވޮޗްގެ އާ ވާޝަންވެސް މި އިވެންޓްގެ ތެރެއިން ވަނީ ދައްކާލާފައެވެ.

އެޕަލް އައިފޯން 8 ޕްރީ އޯޑަރ ކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 15 ވަނަ ދުވަހުއެވެ. އަދި އައިފޯން 10 ޕްރީއޯޑަރ ކުރެވޭނީ އޮކްޓޫބަރު 27 ވަނަ ދުވަހުން ފެށިގެންނެވެ.

އައިފޯންގެ ޕްރޮޑަކްޓްތަކަކީ ދިވެހިންގެ ތެރެއިންވެސް ގިނަބަޔަކު ޝައުޤުވެރިވާ ޕްރޮޑަކްޓްތަކެކެވެ. މުޅި ދުނިޔޭގައި އެޕަލްގެ ކަސްޓަމަރުންގެ ޢަދަދު 800 މިލިއަނަށް އަރައެވެ.