ޚަބަރު

ރާއްޖޭގެ ރީތިކަން އިޝްތިހާރުކުރުމަށް ވީޑިއޯ މުބާރާތެއް ފަށައިފި


ދުނިޔޭގެ މާކެޓަށް ދިވެހިރާއްޖޭގެ ރީތިކަން އިޝްތިހާރުކުރުމުގެ ގޮތުން ފޭސްބުކް މެދުވެރިކޮށް ވީޑިއޯ މުބާރާތެއް އެމްއެމްޕީއާރުސީން ފަށައިފިއެވެ.

"ސްޓޯރީ އޮފް މޯލްޑިވްސް" ގެ ނަމުގައި ކުރިއަށްގެންދާ ވީޑިއޯ ހެދުމުގެ މިމުބާރާތް ފަށްޓަވައިދެއްވީ އެމްއެމްޕީއާރުސީގެ އެކްޓިންގ މެނޭޖިން ޑިރެކްޓަރު ހާރިސް މުޙައްމަދުއެވެ.

މިމުބާރާތަކީ އޮންލައިން އަދި ޑިޖިޓަލް މީޑިއާ ބޭނުންކޮށްގެން ރާއްޖެ އިސްތިހާރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ބާއްވާ މުބާރާތެއް ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މިމުބާރާތުގައި ބައިވެރިކުރުމަށް ވީޑިއޯ ހުށައެޅުމުގެ ފުރުޞަތު އަންނަމަހުގެ ބާރަވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

img:http://s3.psmnews.mv/images/660x400/15053045974060.jpg|ވީޑިއޯ މުބާރާތް ފައްޓަވައިދެއްވީ އެމްއެމްޕީއާރުސީގެ އެކްޓިންގ މެނޭޖިން ޑިރެކްޓަރު ހާރިސް މުޙައްމަދު / ފޮޓޯ: ޕީއެސްއެމް ނިއުސް

މިމުބާރާތުގައި ބައިވެރިކުރާ ބައިވެރިކުރާ ވީޑިއޯގެ ދިގުމިނަކީ އެއް މިނެޓެވެ. މި މިބާރާތުގައި ބައިވެރިކުރާ ވީޑިއޯ ވާންވާނީ ދިވެހިރާއްޖޭގެ ވީޑޯއަކަށެވެ. ވީޑިއޯތައް ޖަޖްކުރުމުގައި އޭގެ އުފެއްދުންތެރިކަމާއި އަމިއްލަ ވަންތަ ކަމާއި މާކެޓު ކުރުމުގެ ފެންވަރަށް ބަލާނެ އެމްއެމްޕީއާރުސީން ބުނެއެވެ. މި މުބާރާތުގައި ބައިވެރިކުރާ ވީޑިއޯތައް ފޭސްބުކަށާއި ޔޫޓިއުބަށް އަޕްލޯޑް ކުރުމަށްފަހު އޮންލައިންކޮށް ވޯޓް ދިނުމަށް ހުޅުވާލާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި މުބާރާތުން އެއްވަނަ ވީޑިއޯ ހޮވާނީ މި މުބާރާތުގެ ފަނޑިޔާރުންގެ މާކްސްއާއި އޮންލައިންކޮށް ލިބޭ ވޯޓަށް ބެލުމަށްފަހުގައިކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މި މުބާރާތުން އެއްވަނައަށްދާ ފަރާތަކަށް އެއް ލައްކަ ރުފިޔާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.

އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުޙައްމަދު ވިދާޅުވީ، ފޭސްބުކް މެދުވެރިކޮށް މި މުބާރާތް ކުރިއަށްގެންދަން ނިންމީ ފޭސްބުކަކީ މުޅި ދުނިޔޭގެ އެންމެ ގިނަ މީހުންމީހުން ބޭނުންކުރާ ނެޓްވޯކަށްވާތީކަމަށެވެ. މި މުބާރާތުގެ ސްޕޮންސަރަކީ ސިކްސް ސެންސް މޯލްޑިވްސްއެވެ.