ޚަބަރު

މަސްތުވާތަކެއްޗާއެކު ދުބާއީން ދިވެއްސަކު ހައްޔަރުކޮށްފި


ގިނަޢަދަދެއްގެ މަސްތުވާ ތަކެއްޗާއެކު ދުބާއީން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުން ބުނީ، ދުބާއީއިން ވައިގެ މަގުން ރާއްޖެއަންނަން އުޅުނު ދިވެއްސަކު ދުބާއީ އެއަރޕޯޓުން ހައްޔަރުކޮށްފައިވަނީ ދިވެހި ފުލުހުންނާއި، ދުބާއީ ފުލުހުން ގުޅިގެން ހިނގި ޚާއްޞަ އޮޕަރޭޝަނެއްގައިކަމަށެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން މަޢުލޫމާތުދޭ. އަދި މިމައްސަލަ ތަޙްޤީޤް ކުރަމުންދަނީ ދުބާއީ ފުލުހުންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތުދެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ މައުލޫމާތު ފުލުހުން ހާމަކޮށްފައި ނުވާއިރު، މިމައްސަލައިގައި އަތުލައިގެންފައިވަނީ ކިހާ އަދަދެއްގެ މަސްތުވާތަކެތިކަމެއްވެސް އަދި ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ދިވެހި ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދުބާއީއާއި، އަވައްޓެރި ޤައުމުތަކާއި އަދި ކަމާ ގުޅުންހުރި ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދަކަމަށް ފުލުހުން މައުލޫމާތުދެއެވެ.