ކުޅިވަރު

އިންޓަރ ސްކޫލް ޓީޓީ މުބާރާތުގައި ތ.އަތޮޅުން ބޮޑު ކާމިޔާބީއެއް


ނުވަ ވަނަ މައިލޯ އިންޓަރ ސްކޫލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކޮށް، ތ.އަތޮޅު ތައުލީމީ މަރުކަޒު ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. 

މިއަހަރުގެ މުބާރާތުގައި ތ.އަތޮޅު ތައުލީމީ މަރުކަޒު ވަނީ އެޓީމް ބައިވެރިވި ދެ އުމުރުފުރާއިންވެސް ޗެމްޕިއަންކަން ހޯދާފައެވެ. އެއީ 16 އަހަރުން ދަށާއި، 18 އަހަރުން ދަށުގެ ފިރިހެން ބައިންނެވެ. މީގެ އިތުރުން އެ ސްކޫލުގެ ދަރިވަރުންވަނީ މި ދެ އުމުރުފުރާގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަންވެސް ހޯދާފައެވެ. 

މުބާރާތުގެ އެހެން އުމުރުފުރާތަކަށް ބަލާއިރު، 12 އަހަރުން ދަށުގެ ފިރިހެން ޓީމް އިވެންޓް ޗެމްޕިއަންކަން ހޯދީ ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލެވެ. 16 އަހަރުން ދަށުގެ އަންހެން ޓީމް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ އަމީނިއްޔާ ސްކޫލެވެ. ސިންގަލްސް އިވެންޓްތަކަށް ބަލާއިރު 18 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަމީނިއްޔާ ސްކޫލުގެ ލައިސާ ފަތުހުﷲއެވެ. 16 އަހަރުން ދަށާއި 14 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އިސްކަންދަރު ސްކޫލުގެ އައިޝަތު ރަފާ ނާޒިމްއެވެ. 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ފިރިހެންކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ ބިލަބޮންގެ އަޙްޔާ އަހުމަދު ޚާލިދުއެވެ. ސިންގަލްސް އިވެންޓްގެ 18 އަހަރުން ދަށުގެ ފިރިހެން ބައިގެޗެންޕިއަންކަން ހޯދީ އަނޫފް އަހުމަދެވެ. 12 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިންޗެންޕިއަންކަން ހޯދީ ބިލަބޮންގ އިންޓަރނޭޝަނަލް ސްކޫލްގެ ޒަރާ ހަސަން ލަތީފްއެވެ. 

މިފަހަރުގެ މުބާރާތުގައި 9 ސްކޫލަކުން ކުޅުންތެރިން ވާދަކުރިއެވެ.