ޚަބަރު

ވޭސްޓްމެނޭޖްމެންޓް ސެންޓަރުތައް ހަރުދަނާކުރަން ބަޔަކާހަވާލުކޮށްފި


ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ރ.ވަންދޫގައި ޤާއިމްކޮށްފައިވާ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ހަކަތަ އުފައްދާ ކޮންޕޮނެންޓް ޑެލިވަރކޮށް އިންސްޓޯލް ކުރުމަށާއި އިތުރު ހަތަރު ރަށެއްގައި ޤާއިމްކޮށްފައިވާ ވޭސްޓް މެނޭޖްމެންޓް ސެންޓަރުތައް އިތުރަށް ހަރުދަނާކުރުމަށް ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސޮއި ކުރި އެއްބަސްވުންތަކުގައިވާ ގޮތުން ބައެއް ރަށްރަށުގައި ވޭސްޓް މެނޭޖްމެންޓްތައް ހެދުމަށް ހަމަޖެހިފައިވާއިރު، އަނެއް ބައި ރަށްރަށުގައި ހަދާފައިވާ ވޭސްޓް މެނޭޓްމަންޓް ސެންޓަރުތައް އިތުރަށް ހަރުދަނާކުރުން ހިމެނެއެވެ. 

އެގޮތުން ތ.ވަންދޫގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރެއް ގާއިމުކުރުމަށް އެއް މިލިއަން އަށްޑިހަ ހަތްހާސް ރުފިޔާ ދައުލަތުން ހޭދަކުރާއިރު، ނުވަދިހަ ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އައިއެސްއެފް ކޮންސްޓްރަކްޝަން ކުންފުންޏާއެވެ. 

 އދ. މާމިލީގައި ހަދާފައިވާ ވޭސްޓްމެނޭޖްމެންޓް ސެންޓަރަށް ބޭނުންވާ އިކުއިޕްމެންޓް ސަޕްލައި ކުރުމަށް ގުޑް ލައިފް އެންޓަރޕްރައިޒަޒް ކުންފުންޏާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި މަޝްރޫއަށް ހަ ލައްކަ އަށްޑިހަ ހަތަރުހާސް ނުވަސަތޭކަ ރުފިޔާ ދައުލަތުން ހަރަދުކުރާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ. 

ގއ. ވިލިނގިއްޔާއި ގދ. ރަތަފަންދޫގައި ހަދާފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރު އަޕްގްރޭޑް ކުރުމަށް ނޫމަސް ކޮންސްޓްރަކްޝަން ކުންފުންޏާއެކު މިނިސްޓްރީން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ދެ މަޝްރޫއަށް އެއްކޮށް އެއް މިލިއަން ހަތްލައްކަ ސާޅިސް އަށްހާސް ނުވަސަތޭކަ ރުފިޔާ ހަރަދުވާނެއެވެ.

ރ. ވަންދޫގައި ޤާއިމްކޮށްފައިވާ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ހަކަތަ އުފައްދާ ކޮންޕޮނެންޓް ޑެލިވަރކޮށް އިންސްޓޯލް ކުރުމަށް ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސޯ އިންޖިނިއަރިންގ ލިމިޓެޑާއެވެ. މި މަޝްރޫއަށް ތިނެއް ޕޮއިންޓް ހަތަރެއް މިލިއަން ޔޫއެސް ޑޮލަރު ހަރަދުވެގެންދާއިރު، މިއީ އަބޫދާބީ ފަންޑް ފޯރ ޑިވޮލޮޕްމެންޓާއި އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީގެ ލޯނެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެއެވެ. 

އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު މިޑިއާއަށް މައުލޫމާތުދެއްވަމުން މިނިސްޓަރު ޠާރިގް އިބްރާހިމް ވިދާޅުވީ ރ. ވަންދޫގައި އިންސްޓޯލްކުރާ ހަކަތަ އުފައްދާ ކޮންޕޮނެންޓުން ކުނި އަންދައިގެން ލިބޭ ހޫނުން ކަރަންޓް އުފެއްދުމަށް ބޭނުންވާ ހަކަތަ ލިބިގެންދާނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓް ނިމޭއިރު އެރަށަކީ ތެޔޮ ބޭނުން ނުކޮށް ކުނި އަންދައިގެން ލިބޭ ހޫނުން އުފައްދާ ކަރަންޓު ބޭނުންކުރާ ފުރަތަމަ ރަށަށް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ރިނިއުބަލް އެނާޖީ ބޭނުންކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މި ޕްރޮޖެކްޓަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. 

ސަރަހައްދީ ފެންވަރުގައި ކުނި ނައްތާލުމަށް ރ. ވަންދޫގައި ހަދާފައިވާ ސެންޓަރަށް ނ.ރ.ބ އަދި ޅ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުންނާއި އިންޑަސްޓްރިއަލް މަސައްކަތްތައް ކުރަމުންދާ ރަށްރަށުން ދަނީ ހަލާކުވާ ޒާތުގެ ކުންޏާއި ހަލާކުނުވާ ޒާތުގެ ކުނި އުކަމުންނެވެ. އަދި އެރަށުގައި ވަނީ ދުވާލަކަށް ސާޅިސް ޓަނުގެ ކުނި ނައްތާލެވޭ ވަރުގެ އިންސެލެރޭޓަރެއް ޤާއިމްކޮށްފައެވެ.