ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ފޭވަރިޓުންނަކީ ބާސާ އަދި ރިއާލް - އެލެގްރީ


މި ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑު ދެ ޓީމަކީ ސްޕެއިންގެ ބާސެލޯނާއާއި އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކަމަށް އިޓަލީގެ ޔުވެންޓަސް އިން ބުނެފިއެވެ.

ކޯޗު މަސިމިލިއާނޯ އަލެގްރީ މިހެން ބުނީ ޗެމްޕިއަންސް ލީގުގައި މިރޭ ބާސެލޯނާއާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިންނެވެ. އަލެގްރީ ބުނީ ހުސްވި ސީޒަނުގައި ބާސެލޯނާ ތިން ލަނޑުން ބަލިކުރެވުނު ނަމަވެސް އެއީ އަބަދު ކުރެވޭނެ ކަމެއްނޫން ކަމަށެވެ. ހާއްސަކޮށް ބާސެލޯނާ ގޯލެއް ޖެހިޔަނުދީ މެޗެއް ނިންމާލުމަކީ ވަރަށް މަދު ފަހަރަކު މެނުވީ ކުރެވޭނެ ކަމެއްނޫން ކަމަށާއި މިރޭގެ މެޗަށް ނުކުންނައިރު މިއީ އޭނާގެ ކުޅުންތެރިންނަށް ވިސްނައިދީފައިވާ ކަންތައްތައް ކަމަށެވެ.

އަލްގެރީ ބުނީ ދުނިޔޭގެ ރެކޯޑް ފީއަކަށް ބްރެޒިލްގެ ތަރި ނޭމާ ވިއްކާލި ނަމަވެސް ބާސެލޯނާއިން އޮސްމާނޭ ޑެމްބޭލޭ ގެނެސް އެތަން ފޫބައްދައިފިކަމަށާއި މެޑްރިޑާއެކު މުބާރާތުގައި އެންމެ ވަރުގަދަވާނީ ބާސެލޯނާ ކަމަށެވެ.

"މިދިޔަ އަހަރުގެ ނަތީޖާއާއި މެދު ނުވިސްނަން، ކޮންމެ ދުވަހަކު ބާސެލޯނާ ކޮޅަށް ތިން ލަނޑު ނުޖެހޭނެ، އައު މެޗެއް މިއީ، ބާސާއަކީ މުބާރާތުގެ އެއް ފޭވަރިޓުން" އެލެގްރީ ބުންޏެވެ.

މި ސީޒަނުގައި ބާސެލޯނާ ވަނީ ސްޕެނިޝް ލީގުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ރަނގަޅު ފޯމެއްގައެވެ. 

ކޯޗު އާނެސްތޯ ވަލްވާޑޭ ބުނީ ޔުވެންޓަސް އަކީ ހަމައެކަނީ އާޖެންޓީނާގެ ފޯވަޑް ޕައުލޯ ދީބާލާ އަށް ބިނާވާ ޓީމެއްނޫން ކަމަށެވެ. އެއީ މޮޅު ކުޅުންތެރިންނާއި މޮޅު ކޯޗެއް ހުރި ފަހަތުން ކުރިއަށް ރަނގަޅު ޕާސްތަކެއް ކުރާ މޮޅު ޓީމެއް ކަމަށެވެ. 

މިރޭ 11:45ގައި އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅޭނީ ހުސްވި އަހަރުގެ ނަތީޖާއިން އިބްރަތް ހާސިލްކޮށްގެން ކަމަށާއި މިވަގުތު ޓީމު އޮތް ފޯމާމެދު އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"ވަކި ވަކި ކުޅުންތެރިންނަށްވުރެ ޓީމެއްގެ ގޮތުގައި ޔުވެންޓަސް ވަރުގަދަ، ހުރިހާ ގޮތަކުންވެސް އުނދަގޫވާނެ، ބާސެލޯނާގެ ގޭމް ކުޅެ މޮޅުވުން އުއްމީދަކީ" ވަލްވާޑޭ ބުންޏެވެ.