ވިޔަފާރި

އެމްޓީސީސީ އިން ތިލަފުށީގައި ހެދި ބޯޓް ޔާޑް ރަސްމީކޮށް ހުޅުވައިފި


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކ. ތިލަފުށީގައި ހެދި ބޯޓް ޔާޑް ރަސްމީކޮށް ހުޅުވައިފިއެވެ.

އޮޑި ދޯނިފަހަރު ބަނުމާއި މަރާމާތުކުރުމަށް އެމްޓީސީސީން ކ. ތިލަފުށީގައި ހެދި ބޯޓް ޔާޑު ރަސްމީކޮށް ހުޅުވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތުއެވެ. މިހަފްލާގައި ޒިޔަތު ވަނީ އެމްޓީސީސީ ބޯޓް ހޮއިސްޓްގައި އޮތް ބާޖެއްވެސް މޫދަށް ބާލައިދީފައެވެ.

މިހަފްލާގައި ވާހަކަ ދައްކަވަމުން ޒިޔަތު ވިދާޅުވީ އެމްޓީސީސީގެ ބޯޓް ޔާޑް ހުރީ ޒަމާނީ ފެންވަރުގެ ބޯޓް ޔާޑަކާ ދިމާއަށް އަމާޒުހިފާފައި ކަމަށެވެ. އެގޮތުން ދުރުރާސްތާ ޕްލޭނަކާއެކު މަސައްކަތްތަކެއް ކޮށްގެން އެހިސާބަށް ދެވިދާނެކަން އެމްޓީސީސީގެ މުވައްޒަފުން ދައްކައިދީފި ކަމަށް ޒިޔަތު ވިދާޅުވިއެވެ.

އެމްޓީސީސީގައި އޮތް ބޯޓް ހޮއިސްޓަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ބޯޓް ހޮއިސްޓް ކަން ފާހަގަކުރައްވާ ޒިޔަތު ވިދާޅުވީ އިތުރު ވަސީލަތްތަކާއެކު ބޯޑް ޔާޑުގެ މަސައްކަތްތައް މިއަށްވުރެ ފުޅާވެގެންދާނެ ކަމަށެވެ.

އެމްޓީސީސީ ބޯޓް ޔާޑުން ވަނީ މިއަހަރުގެ މިހާތަނަށް ދެ ބާޖެއް ބަނދެފައެވެ. އެއީ ޕޮންޓޮން ބާޖަކާއި ސްޕަޓް ބާޖެކެވެ. އަދި މިއީ ވަރަށް ކުރުމުއްދަތެއްގައި ހަދާ ނިންމާފައިވާ ދެ ބާޖު ކަމަށް އެމްޓީސީސީން ބުނެއެވެ.

ޒިޔަތުގެ ވާހަކަގައި ވަނީ އެމްޓީސީސީ ބޯޓު ޔާޑުގައި ބަންނަމުންދާ ފައިބަރ ގްލާސް ދޯނީގެ މަސައްކަތައްވެސް އަލި އަޅުވާލައްވާފައެވެ. އެގޮތުން މިއީ އެ ބޯޓު ޔާޑުގައި ކުރިއަށްގެންދާ ޕައިލެޓް ޕްރޮޖެކްޓެއްކަން ޒިޔަތު ވަނީ ފާހަގަ ކުރައްވާފައެވެ.

1980 ވަނަ އަހަރު ސަރުކާރުން އުފެއްދި އެމްޓީސީސީ އަންނަނީ، ވިޔަފާރި އިތުރަށް ފުޅާކޮށް، ކާމިޔާބީތައް ހޯދަމުންނެވެ. އެގޮތުން ދަތުރުފަތުރުގެ ޚިދުމަތާއި، ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަސައްކަތުގެ އިތުރުން އޮޑިދޯނިފަހަރަށް ބޭނުންވާ އެކި ބްރޭންޑުތަކުގެ އިންޖީނުވެސް އެކުންފުނިން ދަނީ ވިއްކަމުންނެވެ.