ތަރައްްޤީ

މަރަދޫ، މަރަދޫފޭދު އަދި ފޭދޫގެ ނަރުދަމާގެ ހޮޅި ވަޅުލަން ފަށައިފި


އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން މަރަދޫ، މަރަދޫފޭދު އަދި ފޭދޫ ގައި ނަރުދަމާގެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ހޮޅިވަޅުލުމުގެ މަސައްކަތް ފަށައިފިއެވެ.

130 މިލިޔަނަށްވުރެ ގިނަ  ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 38 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކުރާނެއެވެ. އޯޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯންއެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް (އެމް.ޓީ.ސީ.ސީ) އާއެވެ.

މިމަޝްރޫޢުއާއި ގުޅޭ ގޮތުން އެމް.ޓީ.ސީ.ސީގެ ޖެނެރަލް މެނޭޖަރ ޙުޝާމް ވިދާޅުވީ ނަރުދަމާގެ މަޝްރޫޢު ގެ މަސައްކަތް ފެށުމަށް ބޭނުންވާ ހުރިހާ ސަމާން އެމް.ޓީ.ސީ.ސީ ގެ ސައިޓަށް ޖަމާކޮށްފައިވާ ކަމަށާއި، ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި އަންނަ އޮކްޓޯބަރ މަހުގެ މެދުތެރޭގައި ބާކީ ހުރި ހުރިހާ ސާމާނެއް ގެންނާނެ ކަމަށް އެނާ ވިދާޅުވިއެވެ.

ހޮޅި ވަޅުލުމުގެ މަސައްކަތް ފަށާފައިވަނީ ފޭދޫ އިންނެވެ. މި މަޝްރޫޢުގެ ދަށުން 38 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމުކޮށް، މަރަދޫ އާއި މަރަދޫ ފޭދޫ އަދި ފޭދޫގެ ދެހާސް ފައްސަތޭކަ ގޭބިސީއެއް މި ވިއުގައާއި ގުޅާލެވޭނެއެވެ.

ނަރުދަމާގެ މަޝްރޫޢު އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވާ އަންނަ އަހަރުގެ ނިޔަލަށެވެ.