ކުޅިވަރު

އުނދަގުލުން މާޅޮސް ބަލިކޮށް، ޓީސީއަށް މުޙިންމު މޮޅެއް


ދިހަ ކުޅުންތެރިންނާއިއެކު ކުޅުނު މާޅޮސް އަތުން ޓީސީން ހަނި މޮޅެއް ހޯދައިފިއެވެ.

 އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ޓީސީއާއި މާޅޮސް ވާދަކުރި މެޗު ޓީސީ ކާމިޔާބުކުރީ ތިނެއް ދޭކުންނެވެ. މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ މާޅޮހުންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އެންޖެލް ކަރަސްކޯސާ މުނޯޒްއެވެ. ޓީސީގެ ފުރަތަމަ ލަނޑު ޖަހައިދިނީ ސްޓެވާޓް ކޯނެލިއަސްއެވެ. މި ލަނޑަށްފަހު ރެފްރީ މާޅޮހުގެ ކީޕަރަށް ރީނދޫކާޑު ދެއްކުމުން މާޅޮހުގެ ކުޅުންތެރިން ރެފްރީގެ ނިންމުމަށް ހިތްހަމަނުޖެހުން ފާޅުކުރަން ފެށިއެވެ. އަދި ޑިފެންޑަރ އާދަމް ރަޒުނީ ބޭއަދަބީ ބަހުން ރެފްރީއާއި މުޚާތަބުކުރުމުގެ ސަބަބުން ރެފްރީ ވަނީ ރަޒުނީއަށް ރަތްކާޑެއް ދައްކާފައެވެ. އޭގެ މިނެޓެއް ފަހުން ޓީސީއަށް ލިބުނު ޕެނަލްޓީއެއް އެޓީމުން ވަނީ ބޭކާރުކޮށްލާފައެވެ. ސްޓެވާޓް ފޮނުވާލި ޕެނަލްޓީ މާޅޮހުގެ ކީޕަރުވަނީ ދިފާއުކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓީސީއަށް ލީޑް ނަގައިދިނީ އިބްރާހިމް މަހުދީ ހުސައިންއެވެ. ދެވަނަ ހާފުގެ ކުރީކޮޅު ޓީސީގެ ތިންވަނަ ލަނޑު ޖަހައިދިނީ އަލީ ނާފިއުއެވެ. ނާފިއުގެ ލަނޑަށްފަހުވެސް ޓީސީގެ ފޯވާޑުންނަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. މާޅޮހަށް ނަތީޖާގެ ފަރަގުކުޑަކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިނީ މުނޯޒްއެވެ.

މެޗަށްފަހު ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނީ މެޗުން މުހިންމުވީ ތިން ޕޮއިންޓްކަމަށާއި، ޒުވާން އާ ކުޅުންތެރިން މެޗުގައި ހިތްހަމަޖެހޭވަރަށް ކުޅުނުކަމަށެވެ. އޭނާ ބުނީ މެޗަށް ނިކުތްއިރުވެސް މެޗު އުނދަގޫވާނެކަން އިނގޭކަމަށާއި، ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވުމަކީވެސް ހިތްހަމަޖެހުމެއްކަމަށެވެ.

މެޗަށްފަހު މާޅޮހުގެ ކޯޗު އަލީ ނިޝްތާރު ބުނީ މުޅި މެޗުގެ ނަތީޖާ ބަދަލުކޮށްލީ ރަޒުނީއަށް ދެއްކި ރަތްކާޑުކަމަށާއި، މެޗަށް ނިކުތީ މި ނަތީޖާއަށް އުއްމީދުކޮށްގެން ނޫންކަމަށެވެ. މާޅޮހަކީ ރަށުގައި ޕްރެކްޓިސްކުރާ ޓީމަކަށްވުމާއިއެކު މޫސުމުގެ ސަބަބުން ޓީމް އެއްކޮށް ފަރިތަކުރަން އުނދަގޫތަކެއް ދިމާވިކަމަށާއި، ޓީމްގެ މުހިންމު ކުޅުންތެރިން ފުރަތަމަ އެގާރައިގައި ނުހިމަނާ ކުޅެން ޖެހުމުން އުނދަގޫވިކަމަށެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ޓީސީ ވަނީ ތާވަލްގެ ތިންވަނައަށް ޖެހިލާފައެވެ. މާޅޮސް އޮތީ ކުޅުނު ފަސް މެޗުން ލިބުނު ދެ ޕޮއިންޓާއިއެކު ތާވަލްގެ ހަތްވަނާގައެވެ.