ރިޕޯޓް

އެއަރޕޯޓު ވޯޓާރ ފްރަންޓް ނިންމައި ޑިސެމްބަރުމަހު ޚިދުމަތްދެނީ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފާސްޓް ފުޑް ފްރެންޗައިޒް ބްރޭންޑްތަކާއިއެކު ތަރައްޤީކުރާ ވޯޓާރ ފްރަންޓްގެ މަސައްކަތް ހަލުވި ކަމާއިއެކު ކުރިއަށްދާ ކަމަށާއި، އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި އެތަނުގެ ޚިދުމަތް ފަށާނެކަމަށް އެމްއޭސީއެލުން ބުނެފިއެވެ. އެމް.އޭ.ސީ.އެލްގެ މެނޭޖިންގް ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ މި ޢިމާރާތުގެ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ. 

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ތެރެއިން ޑޮމެސްޓިކް ޓަރމިނަލް ކުރިމަތީގައި އަޅާ ވޯޓަރ ފްރަންޓަކީ ފާހަގަކޮށްލެވޭ ޕްރޮޖެކްޓެކެވެ. ވޯޓަރ ފްރަންޓް ތަރައްޤީ ކުރަނީ ދެ ފަންގިފިލާއަށެވެ. ފުރަތަމަ ފަންގިފިލާ ފަރުމާކޮށްފައިވަނީ ޑޮމެސްޓިކް ދަތުރުކުރާ ޓަރމިނަލްއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން، މަޑުކޮށްލައިގެން ތިބެވޭ ހިތްފަސޭހަ ސަރަހައްދެއްގެ ގޮތުގައެވެ. މީގެ އިތުރުން އައިސްކްރީމް ކިއޮސްކެއްގެ ޙިދުމަތް އެ ފަންގިފިލާއިން ލިބޭނެ ކަމަށްވެސް ޢާދިލް ވިދާޅުވިއެވެ. ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ފާސްޓްފުޑް އޭރިއާއެއްގެ ގޮތުގައެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ ދެ ވަނަ ފަންގިފިލާއަށް ގިނަ ފާސްޓްފުޑް ފްރެންޗައިސް ބްރޭންޑްތައް އަންނާނެކަމަށެވެ. އެގޮތުން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ މެކްޑޮނާލްޑްސް، ކޭއެފްސީ، ޕިއްޒާހަޓް، ޑޮމިނޯޒް، ކްރިސްޕީ ކްރީމްފަދަ ބްރޭންޑްތައް ގެނައުމަށް އެ ކުންފުނި ތަކާއި އެކު މަޝްވަރާ ކުރަމުންދާކަމަށެވެ. އަދި ކުންފުނިތަކާއިއެކު ވަރަށް އަވަހަށް އެއްބަސްވުމަކާއި ހަމައަށް އަންނާނެކަމަށްވެސް ޢާދިލް ވިދާޅުވިއެވެ.

ވޯޓަރ ފްރަންޓްގެ ސްޓްރަކްޗަރގެ ބޮޑު ބައެއް ނިމިފައިވާއިރު، ޢިމާރާތުގެ އެކްސްޓީރިއާ ފަރުމާކުރުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެކަމަށް އާދިލް ވިދާޅުވިއެވެ. ވޯޓަރ ފްރަންޓްގެ ޚިދުމަތް އެއަރޕޯޓް ބޭނުންކުރާ ފަރާތްތަކުގެ އިތުރުން ޚިދުމަތް ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބޭނެކަމަށާ، އެއްފަހަރާ ދުއިސައްތައާއި ތިންސަތޭކައާ ދެމެދުގެ ޢަދަދަކައް ޚިދުމަތް ދެވޭނެ ކެޕޭސިޓީ ވޯޓަރ ފްރަންޓްގައި ހުންނާނެކަމަށްވެސް އާދިލް ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޚިދުމަތްތައް ފުޅާކުރުމަށް އެމްއޭސީއެލްއިން އަންނަނީ އިތުރު ގިނަ ޚިދުމަތްތަކެއް ފެށުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ވީއައިޕީ، ސީއަޕީ ޢިމާރާތެއް އެޅުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ފަށާފައިވާކަމަށްވެސް އެމްއޭސީއެލްއިން މަޢުލޫމާތުދެއެވެ. މިހާރު ކުރަމުންދަނީ ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ކަމަށާއި، މި އަހަރުތެރޭގައި މިއިމާރާތުގެ ޢަމަލީ މަސައްކަތް ފަށާނެކަމަށް ވެސް އެމްއޭސީއެލްއިން ބުނެއެވެ.