ރިޕޯޓް

ތިން މަސްދުވަހުގެތެރޭގައި ތިލަފުށިން ބިން ދޫކުރަން ފަށާނެ!


ތިލަފުށި އިންޑަސްޓްރިއަލް ޒޯނަށް ފެނާއި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ކޭބަލާއި ހޮޅި، އެޅުމުގެ މަސައްކަތް ނިމި، ތިންމަސްދުވަހުގެގެތެރޭގައި އެޒޯނުން ބިން ކުއްޔަށް ދޫކުރަން ފަށާނެކަމަށް ތިލަފުށި ކޯޕަރޭޝަނުން ބުނެފިއެވެ. 

މީގެ އިތުރުން ޕްރީ-ފެބްރިކޭޓް ގުދަނާއި، ވިޔަފާރިވެރިންގެ މަސައްކަތްތަކުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރަމުން އަންނަކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ވިޔަފާރިވެރިންނަށް ފަހި ފުރުޞަތުތަކެއް ތިލަފުށީގައި މިހާރުވެސް އޮތްއިރު ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ތިލަފުށިން އިތުރަށް ވަނީ ބިން ހިއްކައި ބޮޑުކޮށްފައެވެ. އިންޑަސްޓްރިއަލް ޒޯންގެގޮތުގައި ތަރައްޤީ ކުރާ މި ސަރަހައްދުން ސާޅީސް ބިން ދޫކުރުމަށް ހަމަޖެހިފައިވާއިރު އެއްތިރީސް ބިމެއް ކުއްޔަށް ދޫކުރުމަށް މިހާރުވަނީ ހުޅުވާލާފައެވެ. ތިލަފުށި ކޯޕަރޭޝަންގެ އަމާޒަކީ ރާއްޖޭގެ އިޤްތިސާދް ކުރިއެރުވުމަށް ދެމެހެއްޓެނިވި ގޮތެއްގައި ބިންތައް ބޭނުންކޮށް ވިޔަފާރިތައް ފުޅާވުމާއި، އިތުރު ވިޔަފާރިތައް ފެށުމާއި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމެވެ. 

ތިލަފުށީ އިންޑަސްޓްރިއަލް ޒޯނުން ބިން ދޫކުރުމަށް ނިންމާފައިވާނީ އުޅަނދު މަރާމާތުކުރުމާއި، ފަރުނީޗަރު ގުދަންކުރުމާއި، ކޯލްޑް ސްޓްރޭޖް ހެދުމާއި މޮޓޯ ވެހިކަލް ގުދަންކުރުފަދަ ކަންކަމަށެވެެ. ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރް އަޙްމަދު ނާސިފް ވިދާޅުވީ ބިން ކުއްޔަށް ނުދެވި ގިނަ ދުވަސްތަކެއް ވެފައިވަނީ އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ބައެއް ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދަތިތައް ހުރުމުންކަމަށެވެ. 

ނަމަވެސް އެކަމަށް ހައްލެއް ގެނައުމަށް ތިލަފުށި އެކަކާއި އިންޑަސްޓރިއަލް ޒޯނާއި ގުޅާލާ މަގު ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ދަނީ ހަލުވި މިނެއްގައި ކުރަމުންނެވެ. މަގާއެކު އިންޑަސްޓްރިއަލް ޒޯނަށް ފެނާއި ކަރަންޓުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން ދާއިރު، ތިންމަސް ދުވަހުގެތެރޭގައި މަގުގެ މަސައްކަތް ނިމި އިންޑަސްޓްރިއަލް ޒޯނުން ބިން ދޫކުރުމުގެ މަސައްކަތް ފަށާނެކަމަށް ނާސިފް ވިދާޅުވިއެވެ. 

ނާސިފް ވިދާޅުވީ މި މަސައްކަތްތަކަކީ ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުގެ ދަށުން، ރާއްޖެއަށް އަންނަމުންދާ ތަރައްޤީ އިތުރަށް ފުޅާކުރުމަށް ހުޅުވާލެވޭ މުހިންމު ފުރުސަތެއްކަމަށެވެ. ތިލަފުށި ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ޕްރީފެބްރިކޭޓް ގުދަން ހެދުމަށްވެސް މަޝްވަރާތައް ކުރަމުން އަންނަކަމަށް ނާސިފް ވިދާޅުވިއެވެ. އޭގެއިތުރުން ތިލަފުށީގައި ކުރާ ވިޔަފާރިތައް ފުޅާކުރުމަށް ވިޔަފާރުވިރިންނަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައްބަލައި، އެ މަސައްކަތުގެ މަޝްވަރާތައްވެސް ކަމާއިގުޅޭ ފަރާތްތަކާއިއެކު ކުރާކަމަށް ނާސިފް ވިދާޅުވިއެވެ.

އިންޑަސްޓްރިއަލް ޒޯން ސަރަހައްދުން 1،385 އަކަފޫޓާއި 20،067 އަކަފޫޓާއި ދެމެދުގެ ބިން ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރު ދުވަހުގެ މުއްދަތަކަށެވެ.