ކުޅިވަރު

ލިވަޕޫލް ލަދުގަންނަވާލި މެޗުގައި އަގުއޭރޯއަށް ދެ ރެކޯޑު


ލިވަޕޫލް އަތުން 5-0އިން މެންޗެސްޓާ ސިޓީ މޮޅުވި މެޗުގައި ސިޓީގެ ސާޖިއޯ އަގުއެރޯ ދެ ރެކޯޑް ހަދައިފިއެވެ.

މި މެޗުގައި އަގުއެރޯ ޖެހި ގޯލާއެކު އޭނާ ވެފައިވަނީ ޕްރެމިއާ ލީގުގެ ތާރީހުގައި ވެސް ޔޫރަޕުން ބޭރުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ. ރޭ ޖެހި ގޯލާއެކު އަގުއެރޯ ޖަހާފައިވާ ގޯލުގެ އަދަދު ވަނީ 124 އަށް އަރާފައެވެ. މިއީ ކުރިން މި ރެކޯޑް އޮންނަ މެންޗެސްޓާ ޔުނައިޓެޑްގެ ޓްރިނިޑާޑް އެންޑް ޓޮބޭކޯގެ ފޯވަޑް ޑުވައިޑް ޔޯކަށްވުރެ އެއް ގޯލު ގިނަ އަދަދެކެވެ.

ޕްރެމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު ތިން ވަނާގައި އުޅެނީ ޗެލްސީ އަށް ކުޅުނު ޑިޑިއޭ ޑްރޮގްބާއެވެ. އޭނާ 104 ގޯލު ޖަހާފައިވާއިރު އާސެނަލް އަށް ކުޅުނު އެމެނުއަލް އަޑެބަޔޯ ވަނީ 97 ގޯލު ޖަހާފައެވެ.

ރޭގެ މެޗުގައި ޖެހި ގޯލާއެކު އަގުއެރޯ އަށް ވަނީ އަމިއްލަ ދަނޑުގައި އެއް ޓީމާއި ދެކޮޅަށް ޖެހިޖެހިގެން ޕްރެމިއާރ ލީގުގެ ހަ މެޗެއްގައި ސްކޯކުރި ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިގެންގޮސްފައެވެ. މި ލިސްޓުގައި ތިބި އެހެން ކުޅުންތެރިންނަކީ ނިއުކާސަލްގެ ކުރީގެ ކެޕްޓަން އެލަން ޝިއަރާ އާއި އާސެނަލްގެ ކުރީގެ ކެޕްޓަން ތިއެރީ އޮންރީ، ޗެލްސީގެ ކުރީގެ ފޯވަޑް ޖިމީ ފްލޮއިޑް ހަސެލް ބެންކެވެ.