ކުޅިވަރު

މާނޭއަށް ދެއްކި ރަތްކާޑަށް އެންމެންގެ ފާޑުކިޔުން!


މެންޗެސްޓާ ސިޓީ އަތުން 5-0 އިން ލިވަޕޫލް ބަލިވި މެޗުގައި ލިވަޕޫލްގެ ސައީދޯ މާނޭ އަަށް ދެއްކި ރަތްކާޑަށް ކޯޗުންނާއި ކުޅުންތެރިން އަދި ކުރީގެ ރެފްރީން ވެސް ފާޑުކިޔައިފިއެވެ.

މާނޭ އަށް ރަތްކާޑު ދެއްކީ ސިޓީގެ ކީޕަރު އެޑަސަން އަށްވުރެ ކުރިން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އެޑަސްންގެ މޫނުގައި ދަށްފުށްޖެހި އަނިޔާވުމުންނެވެ. މި ހާދިސާގެ ސަބަބުން ސިޓީން ވަނީ ވަރަށް ގިނައިރު ދަނޑުމަތީގައި އެޑަސަންއަށް ފަރުވާދިނުމަށްފަހު ކީޕަރު ބަދަލުކޮށްފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މާނޭ މަސައްކަތްކުރީ ބޯޅަ ހޯދަން ކަމަށާއި މޭނާ ފައި މައްޗަށް ނެގިއިރު އޭނާ ބާރަށް ދުވެފައި ނުކުތް ކީޕަރު ނުފެންނަށް ކަމަށެވެ. ކްލޮޕް ބުނީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ދެކޭ ގޮތުގައި ވެސް މާނޭ އަށް ރަތްކާޑު ދައްކަން ނުޖެހޭ ކަމަށެވެ. ނަމަވެސް ކީޕަރަށް އަނިޔާވި ވަގުތު ފަރުވާދޭން ގިނަ ވަގުތުތަކެއް ދިއުމުން އޭނާ ފުރަތަމަ ހީކުރީ ވަރަށް ބޮޑު އަނިޔާއެއްވީ ކަމަށް ކަމަށާއި ނަމަވެސް މެޗަށް ފަހު ދަނޑުމަައްޗަށް އަރައި ކީޕަރު އުފާޅު ކުރަނިކޮށް ފެނުމުން ބޮޑު އަނިޔާއެއްނުވާކަން ޔަގީންވި ކަމަށެވެ.

img:http://s2.psmnews.mv/images/660x400/15050213260508.jpg|

ކްލޮޕް ބުނީ މާނޭ ހުރީ މި ހާދިސާގެ ސަބަބުން ވަރަށް ދެރަވެފައި ކަމަށާއި ކީޕަރު އެޑަސަން އަށް ގެއްލުމެއްވިނަމަ އެކަމަށް މާނޭ މައާފަށް އެދޭ ކަމަށެވެ.

ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ މާނޭ އަކީ ކުޅުންތެރިއަކަށް ގަސްތުގައި ނުރައްކާވާ ކަހަލަ ފައުލެއް ކުރާނެ ކުޅުންތެރިއެއް ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށާއި އޭނާގެ ނަޒަރުގައި މާނޭ އަށް ދައްކަންވީ ރީނދޫ ކާޑެއް ކަމަށެވެ.

އިނގިރޭސި ކުރީގެ ކެޕްޓަން އެލަން ޝިއަރާ ބުނީ ފުޓްބޯޅަ ގަވާއިދު ފޮތަށް އެކަނި ބަލާނަމަ މާނޭ އަށް ދައްކަންވީ ރަތްކާޑެއް ކަމަށެވެ. ނަމަވެސް ކުޅުންތެރިޔާގެ ހަރަކާތާއި ކަން ހިނގި ގޮތަށް ބަލާއިރު އެއީ ރަތްކާޑެއްނޫން ކަމަށާއި ކާޑު ދައްކަން ރެފްރީން ތިބެނީ އިންސާފު ގާއިމްކުރަން ކަމަށެވެ.

އިނގިރޭސި މަޝްހޫރު ރެފްރީ މާކް ކެލަޓަންބާގްވެސްވަނީ މި ކަމާމެދު ހިޔާޅު ފާޅުކޮށްފައެވެ. އޭނާ ބުނީ ހާދިސާ ރަނގަޅަށް ބަލާލުމުން މާނޭ ބޯޅައަށް މަސައްކަތް ކުރިކަން ވަރަށް ސާފު ކަމަށާއި ދައްކަންވީ ރަތްކާޑެއް ނޫން ކަމަށެވެ.

މި ރަތްކާޑުގެ ސަބަބުން މާނޭ އަށް ތިން މެޗުގެ ސަސްޕެންޝަނެއް އަންނާނެއެވެ.