ތިމާވެށި

ދެމެހެއްޓެނިވި އިޤްތިޞާދަކަށް ތިމާވެށި ހިމާޔަތްކުރުން މުހިންމު!


ތިމާވެށި ހިމާޔަތްކުރުމަށް އަދުގެ ސަރުކާރުން ވަރަށްބޮޑު އަހަމިއްޔަތުކަމެއް ދޭމަށާ، ތިމާވެށި ރައްކާތެރިނުކޮށް ޤައުމުގެ އިޤްތިޞާދުގެ ކުރިމަގެއް ނެތްކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ތާރިޤް އިބްރާހީމް މިހެން ވިދާޅުވެފައިވަނީ، މޯލްޑިވްސް މެރިން އެކްސްޕޯ ފަށުމުގެ ރަސްމިއްޔާތުގައި ވާހަފުޅުކަދައްކަވަމުންނެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ ފެށުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވީ، އަދުގެ ސަރުކާރުން ބޮޑެތި މަޝްރޫޢުތައް ހިންގާއިރު ތިމާވެއްޓަށް ނުބަލައި މަޝްރޫޢުތައް ކުރިއަށްގެންދާކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށެވެ.

މި ސަރުކާރުން ތަރައްޤީގެ އެކިމަޝްރޫޢުތައް ކުރިއަށްގެންދަނީ އެފަދަ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ ގެއްލުންތައް ބެލުމަށް އެސެސްމަންޓްތައް ހެދުމަށްފަހުކަމަށާ، ރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނީ ތިމާށި ޙިމާޔަތް ކުރުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްތަކެއް ކޮށްގެންކަމަށްވެސް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ. މިގޮތުން ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއްކަމުގައި ދެކިގެން ނުވާނޭކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިކަމުގައި ކޮންމެ ފަރުދެއްގެވެސް ޒިއްމާއެއް އެބައޮތްކަމަށެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޠާރިޤް ވިދާޅުވީ، މެރިން އެކްސްޕޯގެ ތެރޭގައި ތިމާވެށި ރައްކާތެރިކުރުމަށް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހަރަކާތްތައް ފާހަގަކޮށްލެވޭކަމަށެވެ. މިގޮތުން ތިމާވެށި ޙިމާޔަތްކުރުމަށް އެންމެ ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ އެއްބަޔަކީ މެރިން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިފަހަރުގެ މެރިން އެކްސްޕޯގައި 25 އެގްޒިބިޓަރުން ވަނީ ބައިވެރިވެފައެވެ. މޯލްޑިވްސް މެރިން އެކްސްޕޯގައި މެރިން ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ އިތުރުން އެދާއިރާއަށް އެކިއެކި ޚިދުމަތްދޭ ކުންފުނިތަކުންވެސް ވަނީ ބައިވެރިވެފައެވެ.

މިއެކްސްޕޯގައި ތިމާވެއްޓާ ގުޅުންހުރި ކަންކަމަށް ވަރަށް ބޮޑަށް ފޯކަސް ކުރާނެކަމަށާއި މިގޮތުން ތިމާވެއްޓާ ގުޅޭ އެކިއެކި ސެމިނާތަކާއި ސެޝަންތައް މި އެގްޒިބިޝަންގެތެރެއިން ކުރިއަށްގެންދާނޭކަމަށް މެރިން އެކްސްޕޯ އިންތިޒާމްކުރާ ބްލަކްއިން މަޢުލޫމާތުދެއެވެ. އަދި މިފަހަރުގެ އެކްސްޕޯގައި މުޅިން އަލަށް 11 ޕްރޮޑަކްޓެއް ލޯންޗްކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މޯލްޑިވްސް މެރިން އެކްސްޕޯ ކުރިއަށްދާނީ އަންނަ ހޯމަދުވަހުގެ ނިޔަލަށެވެ.