ދުނިޔެ

ޤަތަރާއެކު ވާހަކަތައް ކުރިއަށް ނުގެންދާނެކަން އިއުލާނުކޮށްފި


ސަޢޫދީ ޢަރަބިއްޔާއިން ޤަތަރާއެކު ދެން ވާހަކަތައް ކުރިއަށް ނުގެންދާނެކަން އިއުލާނުކޮށްފިއެވެ.

ސަޢޫދީ ޢަރަބިއްޔާއިން މިކަން އިޢުލާނުކޮށްފައި މިވަނީ ސަޢޫދީ ޢަރަބިއްޔާ، ޔޫ.އޭ.އީ. ބަހްރައިން އަދި މިސްރުން ޤަތަރާ ގުޅުން ކަނޑާލި މައްސަލައާ ބެހޭގޮތުން ޤަތަރުގެ ޢަމީރާއި ސަޢޫދީގެ ވަލީއަހުދު ފޯނުން ގުޅުއްވާ ވާހަކަތައް ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.

ސަޢޫދީ ޢަރަބިއްޔާއިން ބުނެފައިވަނީ މި ފޯން ކޯލާމެދު ޤަތަރުން ބައެއް މަޢުލޫމާތު އޮޅުވާލާފައިވާ ކަމަށާއި، މިއާއެކު ޤަތަރާއެކު ބާއްވާ ވާހަކަތައް މެދުކަނޑާލީ ކަމަށެވެ.

ޤަތަރުގެ ޢަމީރާއި ސަޢޫދީ ވަލީއަހުދާ ދެމެދު ފޯނުން ކުރިއަށް ގެންގޮސްފައިވާ ވާހަކަތަކަކީ، މިއަހަރުގެ ޖޫން މަހު ޢަރަބި ބާރުތަކުން ޤަތަރާ ގުޅުން ކަނޑާލިފަހުން ދެގައުމުގެ އިސްވެރިންގެ މެދުގައި ކުރިއަށްދިޔަ ފުރަތަމަ ސީދާ މަޝްވަރާތަކެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ދެގައުމުގެ ލީޑަރުންނާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަކިވަކިން ވާހަކަ ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.

މި ފޯނު ކޯލާ ބެހޭ ގޮތުން ދެޤައުމުގެ ދައުލަތުގެ މީޑިއާތަކުން ބުނެފައިވަނީ މި ވާހަކަތަކުގައި ސަޢޫދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާނާއި ޤަތަރުގެ ޢަމީރު ޝެއިޚް ތަމީމް ބިން ހަމަދް ޢަލް ޡާނީއާ ދެ ބޭފުޅުން، ގަލްފްގެ މައްސަލައަށް ހައްލެއް ހޯދުމުގައި މަޝްވަރާތައް ކުރިއަށްގެންދިއުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދައްކަވާފައިކަމަށެވެ.

ސަޢޫދީ ޕްރެސް އެޖެންސީން ބުނެފައިވަނީ ޤަތަރުގެ ޢަމީރު ވަނީ މިމައްސަލަ ހައްލުކުރުމަށް މަޝްވަރާގެ މޭޒު ދޮށުގައި ބައްދަލުކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައި ކަމަށާއި، މިކަމާ ބެހޭ އިތުރު މަޢުލޫމާތު ސަޢޫދީން އިޢުލާނުކުރާނީ ޤަތަރާ ގުޅުން ކަނޑާލި އަނެއް 3 ޤައުމާ އެކު ބައްދަލުކޮށް އެއްބަސްވުމަކަށް އައުމަށްފަހު ކަމަށެވެ.

ޤަތަރުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ މި ފޯނުކޯލުގައި ޤައުމުތަކުގެ ސިޔާސަދަތަށް ނުރައްކާ ނުވާނެފަދަ ގޮތަކަށް މައްސަލަތައް ހައްލުކުރުމަށް ޙާއްސަ މަންދޫބުން ކަނޑައެޅުމަށް ސައުދީގެ ވަލީޢަހުދު ވިދާޅުވެފައިވާ ކަމަށެވެ.