ތަރައްްޤީ

ވީއައިއޭގެ އާ ޓަރމިނަލްގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ އާ ޓަރމިނަލްގެ ޢަމަލީ މަސައްކަތް، އަންނަ މަހު ފަށާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ. 

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ސަރުކާރުން މިހާރު ރާއްޖޭގައި ހިންގާ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. މި މަޝްރޫޢުގެ ދަށުން އައު ރަންވޭއެއް ހެދުމާއި، ފިއުލް ފާމާއި، ކަރގޯ ޓަރމިނަލާއި ޕެސެންޖަރ ޓަރމިނަލެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. އައު ރަންވޭގެ ޢަމަލީ މަސައްކަތް މިއަހަރުގެ ފެބްރުއަރީމަހުގެތެރޭގައި ފަށާފައިވާއިރު މިހާރު އެންމެ ބާރުމިނުގައި ކުރަމުންދަނީ ޓަރމިނަލްގެ ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ މި ޓަރމިނަލް އެޅުމަށް ހަމަޖެހިފައިވަނީ އެއަރޕޯޓްގެ ގިނަ ޙިދުމަތްތަކަކަށް ބޭނުންކުރަމުން އައި ސަރަހައްދެއްގައި ކަމަށެވެ. އެގޮތުން އެއަރޕޯޓްގައި ބޭނުންކުރާ ވޯޓަރ ސަޕްލައި ބިލްޑިންގއާއި ގިނަ އޮފީސްތައް އެސަރަހައްދުގައި ހުރިކަމަށާއި، ނަމަވެސް ޓަރމިނަލްގެ މަސައްކަތް ފެށުމަށް އެ ވަސީލަތްތައް މިހާރު އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައިވާކަމަށް އާދިލް ވިދާޅުވިއެވެ.

މިހާރު ބޭނުންކުރަމުން އަންނަ ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ކެޕޭސިޓީގެ ޓަރމިނަލެކެވެ. އަލަށް ހަދާ ޓަރމިނަލްގެ ސަބަބުން މިއަދަދު ތިން ގުނައަށް އިތުރުވެ 7.5 މިލިއަން މީހުންނަށް ޚިދުމަތް ދެވޭނެކަމަށް އާދިލް ވިދާޅުވިއެވެ.

އަލަށް ތަރައްޤިކުރާ ޓަރމިނަލާއެކު ދެވޭ ޚިދުމަތްތައްކުގެ ފެންވަރުރަނގަޅުވެ އެއްފަހަރާ ގިނަ އަދަދެއްގެ މީހުންނަށް ޚިދުމަތް ދެވޭނެކަމަށް ޢާދިލް ވިދާޅުވިއެވެ. އެގޮތުން މި ޚިދުމަތްތަކާއެކު ލޯންޖާއި ޑިއުޓީފްރީއާއި ފުޑް އެންޑް ބެވަރެޖް ސަރވިސްތައް އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށް އާދިލް ވިދާޅުވިއެވެ. މީގެއިތުރުން މިހާރު މެނުއަލްކޮށް ދެމުންއައި ގިނަ ޚިދުމަތްތައް އޮޓޮމޭޓް ކުރާނެކަމަށްވެސް އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ މި މަސައްކަތުގެ ސްޓޭކްހޯލްޑަރުންކަމަށްވާ އިމިގްރޭޝަން، ކަސްޓަމްސް އަދި އޭވިއޭޝަން ސެކިއުރިޓީއާއި މަސައްކަތުގެ ކޮންޓްރެކްޓަރާއި ގުޅިގެން ޕެސެންޖަރ ޓަރމިނަލްގެ ޑިޒައިންތައް ފައިނަކޮށްފައިވާކަމަށެވެ. އަދި އަންނަ މަހު އިމާރާތުގެ ޕައިލިންގ މަސައްކަތްތައް ފަށާނެކަމަށެވެ.

ޓަރމިނަލް އެޅުމަށް ހިއްކާފައިވާ ސަރަހައްދުގައި ޝީޓް ޕައިލް ޖެހުމުގެ މަސައްކަތުގެ ބޮޑުބައެއްވެސް މިހާރު ނިމިފައިވާކަމަށް އެމްއޭސީއެލްއިން މާޢުލޫމާތުދެއެވެ. އަދި އެ ސަރަހައްދުގައި މިހާރުބޭނުން ކުރަމުން އަންނަ މަގުގެ ބަދަލުގައި އައު މަގެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްއޭސީއެލްއިން މަޢުލޫމާތުދެއެވެ.

އައު ޓަރމިނަލްގެ މަސައްކަތް އަންނަ އަހަރު ނިންމުމަށް އަމާޒުކޮށްފައިވާއިރު، އެއަރޕޯތްގެ ތަރައްޤީއާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އެއްބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުއެކެވެ.