ވިޔަފާރި

މަސްވެރިކަމަށް ދޫކުރި ރަށްތަކުގައި މަސައްކަތް ކުރިއަށް ނުދޭ!


މަސްވެރިކަމަށް އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ރަށްތަކުގައި މަސައްކަތް ނުފަށާ ހުރުމަކީ މަސްވެރިކަމަށް ލިބިގެންދާ ވަރަށް ބޮޑު ގެއްލުމެއްކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެ.

ޕީއެސްއެމުން ގެނެސްދޭ ޒިންމާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިޝަޒީން މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަން ތަރައްޤީ ކުރުމުގެ ގޮތުން މަސްގަނެ އެކްސްޕޯޓްކުރުމުގެ މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ރަށްތައް ތަރައްޤީކޮށްފައި ނެތުމަކީ މަސްވެރިކަމަށް ލިބިގެންދާ ވަރަށް ބޮޑު ގެއްލުމެއްކަމަށެވެ. ރާއްޖޭގައި މަސްގަނެ އެކްސްޕޯޓްކުރާ މައިގަނޑު ރަށްތަކަކީ ގއ.ކޫއްޑޫއާއި، ލ. މާންދޫގެ އިތުރުން ޅ. ފެލިވަރެވެ.

މިނިސްޓަރ ވިދާޅުވީ، މިރަށްތަކެކޭ އެއްގޮތަށް ތަރައްޤީކުރުމަށް ރާއްޖޭގެ އިތުރު ރަށްތަކެއްވެސް އަމިއްލަ ފަރާއްތަކަށް ދޫކޮށްފައިވާކަމަށާއި އެހެންނަމަވެސް އެރަށްތައް ތަރަށްޤީ ކުރުމުގެ މަސައްކަތް ކުރަމުން ނުދާކަން ފާހަގަ ކުރެވިފައިވާކަމަށެވެ. މިނިސްޓަރ ޑރ. ޝައިނީ ވިދާޅުވީ، ސަރުކާރުން މިކަންތައް ބަލައި ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

ތ. އަތޮޅުގައި މަސްގަނެ އެކްސްޕޯޓްކުރަން ސަރުކާރުން ދޫކުރި ތ. ފުނައްޑޫގައި ދެހާސް އަށްވަނަ އަހަރުން ފެށިގެން އޮޕަރޭޝަން ހުއްޓާލާފައި އޮތުމަށްފަހު، މިސަރުކާރު އައިފަހުން އެހެން ފަރާތަކާ ހަވާލުކޮށްގެން މިހާރު އެރަށުގައި މަސްގަންނަން ފަށާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، މީގެކުރިން އެއްވެސް ސަރުކާރުން މަސައްކަތް ނުކުރާ  ވަރަށް މިސަރުކާރުން މަސްވެރިންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާކަމަށެވެ. އެގޮތުން މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަން ޚައްލުކުރުމުގެ ގޮތުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އައިސްޕްލާންޓެއް ބެހެއްޓުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން މިފްކޯއާއި ހަވާލުކޮށްގެން ބަހައްޓާ ހުރިހާ އައިސްޕްލާންޓެއްގެ ޚިދުމަތް މިއަހަރުގެ ޑިސެމްބަރ ދިހައެއްގެ ކުރިން ނިމޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިންގެ މެރީނާތައް އެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. ޅ. ފެލިވަރުގައި މަސްވެރިންގެ މެރީނާއެއް މިހާރު ހުޅުވާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ ޑިސެމްބަރ މަސް ނިމުމުގެ ކުރިން ކޫއްޑޫގައިވެސް މިފަދަ މެރީނާއެއް ޤާއިމް ކުރައްވާނެކަމަށެވެ. މީގެއިތުރުން ހުޅުމާލޭގަޔާއި އަދި ރާއްޖޭގެ އިތުރު ދެ ސަރަހައްދެއްގައި މިފަދަ މެރީނާތައް އެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.