ކުޅިވަރު

ކުޅުނު ފުރަތަމަ މެޗުގައި ޓީމް މޮޅުވުމުން އުފާވޭ - އެމްބާޕޭ


ފްރާންސްގެ ޒުވާން ފޯވަޑް ކޭލިއަމް އެމްބާޕޭ ޕީއެސްޖީ އަށް ކުޅެދިން ފުރަތަމަ މެޗުގައި މެޓްޒް އަތުން 5-1 ން އޭނާގެ ޓީމު މޮޅުވުމުން ވަރަށް އުފާވެފައިހުރި ކަމަށް ކުޅުންތެރިޔާ ބުނެފިއެވެ.

ޕީއެސްޖީ އަކީ ދުނިޔޭގެ އެންމެ އަގުބޮޑު ދެ ކުޅުންތެރިން ތިބި ކުލަބެވެ. ބްރެޒިލްގެ ނޭމާ އާއި އެމްބާޕޭ. ބާސެލޯނާއިން ނޭމާ ގަތީ 222 މިލިއަން ޕައުންޑަށެވެ. މޮނާކޯއިން އެމްބާޕޭ ގަތީ 166 މިލިއަން ޕައުންޑަށެވެ. ޕީއެސްޖީ އަކީ ދުނިޔޭގައި ކުޅުންތެރިން ގަތުމުގެ އަގު 100 މިލިއަނުން މައްޗަށް ގެންދިޔަ ފުރަތަމަ ކުލަބު ވެސްމެއެވެ. އެއީ ނޭމާ ގަތުމަށް ހޭދަކޮށްގެންނެވެ.

ރޭގެ މެޗުގައި އެމްޕާބޭ އާއި ނޭމާ ވެސް ގޯލު ޖެހިއެވެ. މި މެޗުގައި އެމްބާޕޭ ގޯލު ޖަހާފައިވަނީ 59 ވަނަ މިނިޓްގައެވެ. ނޭމާ ގޯލު ޖެހީ 69 މިނިޓްގައެވެ. ޕީއެސްޖީ އަށް އުރުގުއޭގެ ފޯވަޑް އެޑިންސަން ކަވާނީ ދެ ގޯލު ޖަހާދިންއިރު ފަހު ގޯލު ޖެހީ ލޫކަސް މައުރާއެވެ.

މެޗަށް ފަހު 18 އަހަރުގެ އެމްބާޕޭ ބުނީ ފުރަތަމަ މެޗުގައި ގޯލުޖެހުމުން އޭނާ އުފާވާ ކަމަށާއި އެބޯޅަ ގޯލަށް ޖެހީ ނޭމާ އަށް ޕާސްކުރަން އުޅެ އެކަން ނުކުރެވުމުން ކަމަށެވެ. ނަމަވެސް މޮޅު ކުޅުންތެރިންނާއެކު ކުޅެން ފުރުސަތު ލިބުމުން އޭނާ ވަރަށް އުފާވާ ކަމަށާއި އެކުޅުންތެރިންގެ ފަރާތުން އޭނާ ދަސްކުރަންޖެހޭ ކަންތައްތައް ވަރަށް ގިނަ ކަމަށް ޒުވާން ކުޅުންތެރިޔާ ބުންޏެވެ.