ކުޅިވަރު

މެންޗެސްޓަރ ސިޓީއާއި ލިވަޕޫލް މެޗަށް ތައްޔާރު!


އިނގިރޭސި ޕްރެމިއާ ލީގުގައި މިއަދު ކުޅެވޭނެ އެންމެ ފޯރިގަދަ މެޗަކީ ލިވަޕޫލާއި މެންޗެސްޓާ ސިޓީގެ މެޗެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމަށް ދެ ޓީމު ނުކުންނަން ތައްޔާރުވާއިރު ކޮންމެ ޓީމަކަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ލިވަޕޫލް އޮތީ ދެ ވަނާގައެވެ. ސިޓީ ހަތަރުވަނާގައެވެ.

މި މެޗަށް ނުކުންނައިރު ދެ ޓީމަށް ވެސް އަނިޔާއާއި ސަސްޕެންޝަނުގެ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. އެކަމަކު ލިވަޕޫލްގެ ކޯޗުކަމުގައި ޔާގެން ކްލޮޕް ހުރުމަކީ އެޓީމުގެ ސަޕޯޓަރުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ކްލޮޕް ހަވާލުވި ފަހުން މިވީ ދޮޅު އަހަރުތެރޭގައި ސިޓީ އަތުން ލިވަޕޫލް ބައްޔެއްނުވެއެވެ.

ނަމަވެސް ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ އާދަމް ލަލާނާ އާއި ފިލިޕް ކޮޓީނިއޯ މި މެޗުގައި ނުކުޅޭނެއެވެ. ލަލާނާ އަށް ވަނީ އަނިޔާވެފައެވެ. ބާސެލޯނާ އަށް ބަދަލުވާން ވެގެން ބޮޑާހާކާ މިސީޒަނުގައި މިހާތަނަށް ނުކުޅެހުރި ކޮޓީނިއޯ ލައްވާ މެޗުގައި ނުކުޅުވަން ނިންނީ ކޯޗު ކްލޮޕެވެ. އޭނާ ބުނީ ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެފައި ކޮޓީނިއޯ ޓީމާ ގުޅުނީ އިއްޔެ ކަމަށާއި ނަމަވެސް ކުޅުންތެރިޔާގެ ފިޓްނަސްހުރީ ސިޓީ މެޗުގައި 15 ނުވަތަ ވިހި މިނިޓް ކުޅެވޭ ވަރަށް ކަމަށެވެ. ނަމަވެސް ކްލޮޕް ބުނީ އާސެނަލް އިން ލިވަޕޫލާ ގުޅުނު އޮކްސްލައިޑް ޗެމްބަލައިން އާއި ކޮޓީނިއޯ އަށް އިއްޔެ މަރުހަބާ ކިޔާފައިވަނީ މުޅިން އަލަށް ޓީމާ ގުޅުނު ކުޅުންތެރިންގެ ގޮތުގައި ކަމަށެވެ.

މެޗާ ބެހޭ ގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޔާގެން ކްލޮޕްގެ ޓީމަކާ ދެކޮޅަށް އޭނާ ނުކުންނަ ކޮންމެ ފަހަރަކު ވެސް އެތައް ކަމެއް ދަސްވާ ކަމަށެވެ. މި މޭރުމުން ކްލޮޕާއި ލިވަޕޫލަށް ތައުރީފް ކުރަމުން ގާޑިއޯލާ ބުނީ އޭނާގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އާއި ރަހީމް ސްޓާލިން ނެތުމަކީ އުނިކަމެއް ކަމަށެވެ. ސްޓާލިން ސަސްޕެންޑް ވެފައިވާއިރު ކޮމްޕެނީ އަށް ވަނީ އަނިޔާވެފައެވެ. ގާޑިއޯލާ ބުނީ މެޑިކަލް ޓީމުން ވަރަށް ރަނގަޅަށް ފަރުވާތެރިވެގެން ކޮމްޕެނީ ގެންގުޅުނަސް އޭނާ އަށް މި މެޗުގައި ކުޅެވޭވަރު ނުވީ ކަމަށެވެ. ނަމަވެސް މޮޅުވުމުގެ ރޫހު ޓީމުގައި ވަރަށް ބޮޑު ކަމަށާއި މެޗު ރަނގަޅަށް ފަށައިގަތުން މުހިންމު ކަމަށެވެ.

މި މެޗަށް ނުކުންނައިރު އެންމެ ހާއްސަކަމެއް ކުރިމަތީގައި އޮތީ ސިޓީގެ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯ އަށެވެ. އޭނާ ގޯލު ޖަހައިފިނަމަ އަގުއެރޯ ވެގެންދާނީ ޔޫރަޕުން ބޭރުން ޕްރެމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާ އަށެވެ. މި ރެކޯޑް މިހާތަނަށް އޮތީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ޑުވައިޑް ޔޯކަށެވެ. އޭނާ ޖަހާފައިވަނީ 123 ގޯލެވެ.

މެންޗެސްޓަރ ސިޓީއާއި ލިވަޕޫލް ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 4:30 ގައެވެ.