ކުޅިވަރު

މަތިވެރި ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން ވޭލިއަންޓަށް


އެސްޓީއޯ ޔޫއެސްސީ 13 ވަނަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެފްޓީ ވޭލިއަންޓް ހޯދައިފިއެވެ. 

މަތިވެރީގައި ކުރިއަށްގެންދިޔަ މުބާރާތުގެ ޗެމްޕިއަންކަން އެރަށު ވޭލިއަންޓް ހޯދީ ފައިނަލްގައި އެއަތޮޅު ބޮޑުފުޅަދޫ އާރުބީޖީއާ ވާދަކޮށް 3-1 ން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ވޭލިއަންޓް ދެ ލަނޑު ޖަހާފައި ވަނިކޮށް ދެވަނަ ހާފްގައި އާރުބީޖީން ލަނޑެއް ޖަހާ ހިތްވަރު ހޯދި ނަމަވެސް އިތުރު ފުރުޞަތެއް ނުދީ ވޭލިއަންޓުން ތިންވަނަ ލަނޑު ޖެހިއެވެ.

 މެޗުގައި ވޭލިއަންޓްގެ މިދުލާހު އަބުދުލް ލަތީފް ދެ ލަނޑު ޖެހިއެވެ. އާރުބީޖީގެ ލަނޑު ޖެހީ މުޙައްމަދު ޝިރުހާންއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވޭލިއަންޓްގެ މުޙައްމަދު ރިފްއަތެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ. އަދި އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓް ޙިއްޞާކުރި ދެ ކުޅުންތެރިންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ. އަނެއް ކުޅުންތެރިއަކީ އާރުބީޖީގެ މުޙައްމަދު ޝިރުހާންއެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީވެސް ޝިރުހާންއެވެ. މިދެކުޅުންތެރިންގެ އިތުރުން އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ވޭލިއަންޓްގެ ކެޕްޓަން ހުސެއިން ޝަރީފް، އަންބަރުގެ ކީޕަރު އައްބާސް އިބްރާހީމް އަދި އާރުބީޖީގެ އަހުމަދު ރިއުޝާންއެވެ.  މުބާރާތުގެ ފެއަރޕްލޭ ޓީމަކީ ޗެމްޕިއަން ވޭލިއަންޓެވެ.

img:http://s4.psmnews.mv/images/660x400/15049311075984.jpg|މުބާރާތުގެ ޓްރޮފީ: ފޮޓޯ-ޔޫއެސްސީ

މިއީ މަތިވެރީ ޔޫނިއަން ސްޕޯރޓްސް ކްލަބުން ބޭއްވި މުބާރާތެކެވެ. މުބާރާތުގައި ވާދަކުރީ 10 ޓީމެވެ. އޭގެ ތެރެއިން 8 ޓީމަކީ މަތިވެރީގެ އަށް ޓީމެވެ. އަނެއް ދެޓީމަކީ އުކުޅަހާއި، ބޮޑުފުޅަދޫން ބައިވެރިވި ދެޓީމެވެ.