ދީނާއި އަޅުކަން

ހުކުރު އުފާ - ދީނީ އެތައް މަޢުލޫމާތެއް ލިބޭ ފެސްޓިވަލެއް


ޕީއެސްއެމްއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކޮންމެ ހަފްތާއަކު ހުކުރުދުވަހު ކުރިއަށްގެންދާ އެންމެ ބޮޑު އިސްލާމީ ފެސްޓިވަލް، ހުކުރު އުފާގެ ތެރެއިން ދީނީ އެކި ކަންކަމާބެހޭ މައުލޫމާތު ހިމެނޭ ފޮތްތައް ލިބެންހުރެއެވެ. މި ފެސްޓިވަލުގެ ތެރެއިން ދީނީ އެކި ކަންކަމާބެހޭ މައުލޫމާތާއި، ދީނީ ގޮތުން އޮޅުން ފިލުވަން ބޭނުންވާ ކަންކަމާ ބެހޭގޮތުން ސުވާލުކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައިވެއެވެ.

އިސްލާމިކް މިނިސްޓްރީއާއި، ފަބްލިކް ސަރވިސް މީޑިއާ ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ މި ޙަރަކާތަކީ، އެއްއަހަރުގެ މުއްދަތަށް ކޮންމެ ހުކުރު ދުވަހަކު ކުރިއަށްގެންދަން ރާވާފައިވާ ދީނީ ބޮޑު ޙަރަކާތެކެވެ. "ހުކުރު އުފާ" ޚާއްޞަ ކޮށްފައިވަނީ އިސްލާމީ ވެއްޓެއްގައި ޢާއިލީ ގުޅުން ބަދަހިކޮށް، އިސްލާމީ ރޫޙް އާލާކުރެވޭނެ މާޙައުލެއް ރައްޔިތުންނަށް ހޯދައިދިނުމަށެވެ.

ކޮންމެ ހަފްތާއަކު ހުކުރު ދުވަހު ދެ ދަނަފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ފެސްޓިވަލުގައި ދުވާލުގެ ދަންފަޅީގައި، ކުޑަކުދިންނަށް ކުޅިވަރުތައް ހާއްސަކޮށް، އާއިލާތައް ހިތްހަމަޖެހޭނެ މާހައުލެއްއުފެދޭގޮތަށް ކުރިއަށްގެންދެއެވެ. އަދި ރޭގަނޑުގެ ދަންފަޅީގައި ދީނީ މައުޟޫތަކަށް ދަރުސް ދިނުން ކުރިއަށްގެންދެއެވެ.

މިއީ ހުކުރު އުފާ ފެސްޓިވަލް ފެށިފަހުން ބާއްވާ ފަސްވަނަ ފެސްޓިވަލެވެ. މި ފެސްޓިވަލްގެ ތެރެއިން ދީނީ އެކި ކަންކަމާ ބެހޭ ފޮތްތަކާއި، މައުލޫމާތާއި ދީނީ އެކި ކުޅިވަރުތައް ފެސްޓިވަލްގެ ތެރެއިން ފެނިގެންދެއެވެ. ހުކުރު އުފާ ފެސްޓިވަލްގައި ބައިވެރިވާ ފަރާތްތަކުން ބުނީ ދީނީ އެކިއެކި މައުލޫމާތު ހިމޭ ފޮތްތަކަށް އާއްމުންގެ ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ.

މި ފެސްޓިވަލުގެ ތެރެއިން ރޮހިންޔާ މުސްލިމުންނަށް އެހީތެރިވެދިނުމުގެ ގޮތުން އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް އިން ފަންޑްފޮއްޓެއް ވަނީ ހުޅުވާފައެވެ. ޕީއެސްއެމްއާ ވާހަކަދައްކަމުން އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްގެ އަންހެނުންގެ ކޮމިޓީގެ ރައިސާ އައިމިނަތު ހަބީބާ ބުނީ، މި ފަންޑު ފޮށްޓަކީ އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް އިން މިޔަންމާގެ ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ހުޅުވާފައިވާ ފަންޑް ފޮށްޓެއްކަމަށެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީންވެސް ވަނީ އެސަރަހައްދުގައި ރޮހިންޔާ މުސްލިމުންނަށް އެހީތެރިވެދިނުމަށް ފަންޑުފޮށްޓެއް ހުޅުވާފައެވެ.

ހުކުރު އުފާ ފެސްޓިވަލްގެ މިރޭގެ ދަންފަޅީގައި ޕެނަލް ޑިސްކަށަންއެއް ބޭއްވުމަށްވަނީ ހަމަޖެހިފައި، މި ޕެނަލްގައި ވާހަކަދެއްކުމަށް ހަމަޖެހިފައިވަނީ " އިސްލާމް ދީނަށް އަހަރެން ނަޞްރުދޭނީ ކިހިނެއް؟" މި މައުޟޫއަށެވެ. މި މައުޟޫއަށް ވާހަކަ ދައްކަވާނީ އައްލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ، އާދަމް ނަސީރު އިބްރާހީމް އަދި އައްޝައިޙް މޫސާ އަންވަރު ހަސަންއެވެ. މި ދަރުސްއޮންނާނީ މިރޭ އަށްގަޑި ތިރީހުގައި އިސްލާމީ މަރުކަޒު މައިދާނުގައެވެ.