ދުނިޔެ

ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ މިހުންގެ އަދަދު 270 ހާހަށް!!


މިޔަންމާގެ ރަކާން ސްޓޭޓްގައި އެގައުމުގެ ބައިމަދު ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއާ ސިޔާސީ ފަރާތްތަކުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ސަލާމަތްވުމަށް ވޭތުވެދިޔަ ދެ ހަފްތާގައި އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ މިހުންގެ އަދަދު 270 ހާހަށް އަރާ ކަމަށް ރެފިއުޖީންނާ ބެހޭ އދގެ އިދާރާއިން ހާމަކޮށްފިއެވެ. 

އެއިދާރާއިން ބުނެފައިވަނީ މިއަދަދު ކުރިން އުޅުނީ 164 ހާހުގައި ކަމަށާ އެހެން ނަމަވެސް ދެގައުމު ގުޅޭ ސަރަހައްދީ ރޮނގު ކައިރިން އިތުރު ރޮހިންޔާ މުސްލިމުންގެ ރެފިއުޖީންތަކެއް ފެނިފައިވާ ކަމަށެވެ.

އޮގަސްޓް މަހުގެ 25 ވަނަ ދުވަހު މިޔަންމާގެ ފުލުހުންގެ 30 ޕޯސްޓަކަށް ރޮހިންޔާ ނަސްލުގެ ހަނގުރާމަވެރި ޖަމާޢަތަކުން ދިން ކަމަށް ބުނާ ހަމަލާއަށް ފަހު ރަކާން ސްޓޭޓްގައި އުޅެމުންދާ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އަސްކަރިއްޔާއިން އިސްނަގައިގެން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. މި އަނިޔާތަކުގައި މިޔަންމާގެ އެހެން ދީންތަކަށް ނިސްބަތްވާ ޢާއްމުން ވެސް ބައިވެރިވަމުންދާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

މިޔަންމާގެ އަސްކަރިއްޔާއިން ރަކާން ސްޓޭޓްގައި ހިންގަމުންދާ ޖަރީމާތައް މިޔަންމާގެ އެހެން ސަރަހައްދުގައި އުޅެމުންދާ ރޮހިންޔާ މުސްލިމުންނަށް ވެސް އަމާޒުވާނެ ކަމުގެ ބިރު ހީވެފައިވާ މިދަނޑިވަޅުގައި، މި ޖަރީމާތަކުގައި މިހާތަނަށް އެއް ހާހެއް ހާ މީހުން މަރުވެފައިވާ ކަމަށް އދގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. އަދި މަރުވި މީހުންގެ ތެރޭގައި ގިނައީ ރޮހިންޔާ މުސްލިމުންގެ މީހުން ކަމަށް ވެސް އދން ވަނީ ބުނެފައެވެ. މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ޖަރީމާތަކުން ސަލާމަތްވެގެން ބައިނަލްއަޤްވާމީ މީޑިއާތަކަށް މަޢުލޫމާތު ދީފައިވާ ގިނަ މީހުން ބުނެފައިވަނީ އަސްކަރިއްޔާގެ ރަހުމުކުޑަ ޢަމަލުތަކުގެ ޝިކާރައަކަށް ރޮހިންޔާ މުސްލިމުންގެ ކޮންމެ މީހަކު ވެސް ވަމުންދާ ކަމަށާ މިކަމުގައި އަންހެނުންނާ ކުޑަކުދިން ވެސް އަނިޔާވެރި ގޮތްގޮތަށް މަރަމުންދާ ކަމަށެވެ. މީގެ އިތުރު ގެދޮރު އެންދުމާ އިންސާނީ އެހީގެ ސާމާނަށް ހުރަސް އެޅުން ފަދަ ބައިނަލްއަޤްވާމީ އިންސާނީ އެހީގެ ޤާނޫނުތަކާ ޚިލާފު ޢަމަލުތައް ވެސް މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ކަން އދން ވެސް ވަނީ ބުނެފައެވެ. 

މިދަނޑިވަޅުގައި އދގެ ރެފިއުޖީންނާ ބެހޭ އިދާރާއިން ބުނެފައިވަނީ މިޔަންމާގެ ރަކާން ސްޓޭޓްގައި ހިނގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ ރޮހިންޔާ މުސްލިމުންގެ އަދަދު ކުރިން ހީކުރި ގޮތާ ޚިލާފަށް، 270 ހާހަށް މިހާރު އަރާ ކަމަށެވެ. އދގެ ރެފިއުޖީންނާ ބެހޭ އިދާރާގެ ތަރުޖަމާނު ވިވިއަން ތަން ވިދާޅުވީ، ކުރިން އަންދާޒާ ކުރި އަދަދަކީ 164 ހާސް މީހުން ކަމަށާ މިއަަދަދު 270 ހާހަށް އެރުމުގެ މާނައަކީ އަލަށް ރެފިއުޖީންތަކެއް ބަންގްލަދޭޝްއަށް އައުން ނޫން ކަމަށެވެ. އަދި މިއީ ކުރިން މި އަދަދުގައި ނުހިމެނޭ ރެފިއުޖީންގެ ބަޔަކު އެސަރަހައްދުގައި އުޅެމުންދަނިކޮށް ފެނުމުން ރެފިއުޖީންގެ އަދަދަށް އައި ބަދަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް، ރެފިއުޖީންގެ އަދަދު އިތުރުވުމާއެކު ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތްތައް ފުޅާ ކުރަން ޖެހޭ ކަމަށާ މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ފިޔަވަޅު އެޅުން ވެސް އަވަސް ކުރަން ޖެހިއްޖެ ކަމަށް ތަން ވިދާޅުވިއެވެ. 

މިޔަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ޖަރީމާތަކަކީ 1990ގެ އަހަރުތަކުގައި ބޮސްނިޔާގެ މުސްލިމުންނާ ދެކޮޅަށް ހިންގި ފަދަ ޖަރީމާތައް ފަދަ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއްގެ ގޮތުގައި ރޮހިންޔާ މުސްލިމުން ވަނީ ސިފަކޮށްފައެވެ. އަދި އޭރު ބޮސްނިޔާގައި މުސްލިމުންގެ ނަސްލު ނައްތާލުމަށް ހިންގި ފަދަ އަނިޔާވެރި ޢަމަލުތައް މިޔަންމާގައި ހިންގުމަކީ އެކަށިގެންވާ ކަމެއް ކަމަށާ މިކަމާ މެދު ބައިނަލްއަޤްވާމީ ދުނިޔޭއިން މިހާރުން މިހާރަށް ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ވެސް ރޮހިންޔާ ދަރިކޮޅުގެ މީހުން ވަނީ ބުނެފައެވެ. 

މިޔަންމާގައި ރޮހިންޔާ މުސްލިމުންގެ 1.1 މިލިއަން މީހުން އުޅެމުންދާއިރު އެގައުމުގެ ރައްޔިތުންގެ ގޮތުގައި އެ ނަސްލުގެ މީހުން މިޔަންމާ ސަރުކާރުން ބަލައެއް ނުގަނެއެވެ.