ޚަބަރު

ޗައިނާގެ އިތުރު ސިޓީއަކަށް މޯލްޑިވިއަންގެ ދަތުރުތައް ފަށަނީ


ޗައިނާގެ އިތުރު ސިޓީއަކަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.  

މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ހަންގްޒޫ ސިޓީއަށެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަނުން އަންނަނީ މިހާރުވެސް ޗައިނާގެ 6 ސިޓީއަކަށް ދަތުރުކުރަމުންނެވެ.

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ ހަންގްޒޫއަށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަނަރަ ވަނަ ދުވަހުއެވެ. ހަންގްޒޫއިން ރާއްޖެއަށް އަންނަ މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާނީ އެދުވަހު ހެންދުނު ހަ ގަޑި ވިހީގައެވެ.

ޗައިނާގެ 6 ސިޓީއެއްގެ އިތުރުން މޯލްޑިވިއަނުން ދަނީ ބައިނަލްއަޤްވާމީ އިތުރު ހަތަރު މަންޒިލަކަށް ދަތުރު ކުރަމުންނެވެ. އެއީ ތައިލެންޑްގެ ބެންކޮކަށާއި، ބަންގްލަދޭޝްގެ ޑާކާގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމާއި، ޗެންނާއީއަށެވެ. އަދި ސައުތު އެފްރިކާއަށް ދަތުރުތައް ފެށުމަށްޓަކައި އެކަމާ ގުޅޭ ދިރާސާތައް މޯލްޑިވިއަނުން ދަނީ ކުރަމުންނެވެ.