ދުނިޔެ

މެކްސިކޯ ބިންހެލުމުގައި 15 މަރު!


ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ މެކްސިކޯއަށް އައި ބާރުގަދަ ބިންހެލުމެއްގައި ލިބުނު ގެއްލުންތަކުގައި 15 މީހަކު މަރުވެއްޖެއެވެ. 

މެކްސިކޯގެ ރައީސް އެންރީކޭ ޕެނާ ނީޓޯ ވިދާޅުވީ މި ބިންހެލުމަކީ ރެކްޓަރ ސްކޭލުން 8.2 ގެ ބާރު މިނުގެ ބިންހެލުމެއް ކަމަށާ މިއީ މި ޤަރުނުގައި މެކްސިކޯއަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ. މި ބިންހެލުން އައިސްފައިވަނީ ޕެސިފިކް ކަނޑުގައި މެކްސިކޯއާ 54 މެއިލް ދުރުގެ ސަރަހައްދަކަށް ކަމަށް ވެސް މެކްސިކޯގެ ރައީސް ވިދާޅުވިއެވެ.

މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އެރުމުގެ ބިރު އޮތް ކަމަށް ބުނެ މެކްސިކޯގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ މެކްސިކޯއަށާ އަވަށްޓެރި ގައުމުތަކަށް ސުނާމީގެ އިންޒާރު ނެރެފައެވެ. މި ބިންހެލުމުގެ ސަބަބުން އަރާ ސުނާމީ ރާޅުގެ އުސްމިން ތިން މީޓަރަށް އުފުލުމަކީ އެކަށިގެންވާ ކަމެއް ކަމަށް މެކްސިކޯގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. މެކްސިކޯގެ އިތުރުން ސުނާމީގެ އިންޒާރު ނެރެފައިވާ ގައުމުތަކުގެ ތެރޭގައި އެލް ސެލްވަޑޯ، ގުއަޓަމާލާ، ހޮންޑޫރަސް އަދި ކޮސްޓަރ ރީކާ ހިމެނެއެވެ. 

މެކްސިކޯގެ ރައީސް ބުނެފައިވަނީ މި ބިންހެލުމުގެ ސަބަބުން އުފެދުނު ލޮޅުމުގެ އަސަރު އެގައުމުގެ 50 މިލިއަން މީހުންނަށް ކުރާނެ ކަމަށާ މި ޙާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށިގެންވާ ކަމެއް ކަމަށެވެ.