ތަރައްްޤީ

ސައިކަލް ޕާކިން ސިސްޓަމް އިންސްޓޯލްކޮށް ނިންމައިފި


މާލެއަށް ދިމާވެފައިވާ ޕާކްކުރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި މަޖީދީމަގު ހީނާމާގެ ހުރި ބިމުގައި ހަދާ ސައިކަލް ޕާކިން ސިސްޓަމް އިންސްޓޯލްކޮށް ނިންމައި ޓެސްޓުކޮށްފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ. 

މިއީ ސައިކަލު ޕާކުކުރުމަށް ރާއްޖޭގައި ހެދި ފުރަތަމަ މެކޭނިކަލް ޕާކިން ސިސްޓަމެވެ. 

އެއްފަހަރާ 100 ސައިކަލު ޕާކުކުރެވޭ މި ސިސްޓަމް ޢާއްމުކޮށް ބޭނުންކުރަން ފަށާނެ ދުވަހެއް ހައުސިން މިނިސްޓްރީން އަދި ހާމައެއްނުކުރެއެވެ. 

މާލޭގެ ވެހިކަލް ޕާކިންގެ މައްސަލަ ޙައްލުކުރުމަށް މާލޭގެ އެކި ސަރަޙައްދުތަކުގައި މެކޭނިކަލް ޕާކިން ސިސްޓަމްތައް ޤާއިމްކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. އެގޮތުން ހީނާމާގެ ހުރި ބިމުގައި ހެދި ސައިކަލް ޕާކިން ސިސްޓަމަކީ ރާއްޖެއަށް ޚާއްސަކޮށްގެން ޑިޒައިންކޮށް އުފައްދާފައިވާ ސިސްޓަމެއްކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. 

މާލޭގައި ބެހެއްޓި އެންމެ ފުރަތަމަ މެކޭނިކަލް ޕާކިން ސިސްޓަމް ޤާއިމުކޮށްފައިވަނީ، ހަމައެކަނި ކާރަށް ޚާއްސަކޮށްގެންނެވެ. މިސިސްޓަމް ބެހެއްޓީ ވެލާނާގޭގެ ގޯތިރެތޭގައެވެ. މިދިޔަ ޖުލައިމަހު ވަނީ މިސިސްޓަމް ޢާއްމުކޮށް ބޭނުންކުރަން ފަށާފައެވެ. 

މާލޭގައި ހަދާ އިތުރު ޕާކިން ސިސްޓަމްތަކަށްބަލާއިރު، ގާކޮށި ފްލެޓް ޢިމާރާތާ ޖެހިގެން އޮންނަ ބިމާއި، އައިޖީއެމްއެޗު ސަރަޙައްދުގައި މެކޭނިކަލް ޕާކިން ސިސްޓަމް ބަހައްޓަން ނިންމައި ބައެއް މަސައްކަތްތައް ފަށާފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.