ޚަބަރު

މިޔަންމާގެ ހަމަނުޖެހުން ހުއްޓުވަން، ރާއްޖެއިން އދ.ގައި ގޮވާލައިފި


ރޮހިންޔާ މުސްލިމުންންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ވަގުތުން ވަގުތަށް ހުއްޓުވައި، ދުނިޔޭގައި މުސްލިމު ޤައުމުތަކަށް ދިމާވެފައިވާ ހަނގުރާމައިގެ ނުރައްކާތެރިކަން ހައްލުކޮށް، ސުލްޙަ ޤާއިމުކުރުމަށް ދިވެހިރާއްޖެއިން އދ.ގައި ގޮވާލައިފިއެވެ. 

ސުލްޙައިގެ ސަޤާފަތް ކުރިއެރުވުމުގެ މަޤްޞަދުގައި ބޭއްވި މަތީފެންވަރުގެ ބައްދަލުވުމެގައި ދިވެހިރާއްޖޭގެ ފަރާތުން ތަޤްރީރުކުރައްވަމުން ދިވެހިރާއްޖެއިން އދ.ކަނޑައަޅުއްވާފައިހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުހައްމަދު ވަނީ ރޮހިންޔާ މުސްލިމުންނާދެކޮޅަށް މިޔަންމާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓާލުމަށް އެޤައުމުގެ ސަރުކާރުން ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ. އަދި ރޮހިންޔާ މުސްލިމުންގެ ޤައުމިއްޔަތާމެދު ސުވާލު އުފެއްދުމުގެކުރިން އެމީހުންނަކީ އިންސާނުންކަމުގައި ބަލައިގަތުމަށް މިޔަންމާ ސަރުކާރަށް ޑރ. ޢަލީ ނަސީރު ގޮވާލެއްވިއެވެ. 

މީގެއިތުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަނެގެން އޮތް އޮތުން ނިމުމަކަށް ގެނެސް، ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތައް ހުއްޓާލުމަށް އިސްރާއީލު ސަރުކާރަށްވެސް ގޮވާލެއްވިއެވެ. އަދި ސޫރިޔާގައި ކުރިއަށްދާ ދާޚިލީ ހަނގުރާމައިގައި ކުށެއްނެތް ޢާންމު މަރުވަމުންދާދިއުން ހުއްޓުވައި ސުލްޙަ ޤާއިމުކުރުމަށް ހަނގުރާމައިގައި ހިމެނޭ ފަރާތްތަކަށް ދިވެހިރާއްޖޭގެ ފަރާތުން ސަފީރުވަނީ ގޮވާލައްވާފައެވެ. 

ޑރ. ޢަލީ ނަސީރު ވިދާޅުވީ، ދުނިޔޭގެ ސުލްޙަ ޤާއިމުކުރެވޭނީ ޤައުމުތަކުގެ ސިޔާސަތުތައް ބަދަލުކޮށްގެންކަމަށާއި، ސުލްޙަ ޤާއިކުރުމަށް އެއްބަޔަކު އަނެއްބައެއްގެ ޚިޔާލު ތަފާތުވުންތަކާއެކު، އިޙްތިރާމާއެކު ބަލައިގަންނަންޖެހޭކަމަށެވެ. އަދި މިކަން ކާމިޔާބު ކުރުމަށްޓަކައި ހަރުކަށި ވިސްނުންތަކާއި ޓެރަރިޒަމް ނައްތާލައި، މެދުމިނުގެ ސިޔާސަތުތަކަށް ތަބާވާންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ޑރ. ޢަލީ ނަސީރުވަނީ ޓެރަރިޒަމާ ހައްދުފަހަނައަޅައިދިއުން ނައްތާލުމަށްޓަކައި ދިވެހިސަރުކާރުން ކުރަމުންގެންދާ މަސައްކަތް އދ.ގެ މެމްބަރު ޤައުމުތަކާ ހިއްޞާ ކުރައްވައި، ސުލްޙަވެރިކަމާއި، އިޙްތިރާމްކުރުމުގެ ރޫޙް އާލާކުރުމަށް ދިވެހި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައްވެސް ފާހަގަކުރައްވާފައެވެ.

ދިވެހި ސަރުކާރުން ގެންދަނީ ދުނިޔޭގެ މުސްލިމް އާބާދީއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށް، ޓެރަރިޒަމާއި ހައްދުފަހަނައެޅުމުގެ ސިޔާސަތުތައް ނައްތާލުމަށް ބައިނަލްއަޤްވާމީ މުޖުތަމައުގައި ވަކާލާތުކުރަމުންނެވެ.