ދުނިޔެ

ރޮހިންޔާ ރެފިއުޖީންނަށް ދާއިމީ ހައްލެއް ބޭނުންވޭ


މިޔަންމާގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެގައުމުގައި ހިންގަމުންދާ ޖަރީމާތަކުން ސަލާމަތްވުމަށް އަވަށްޓެރި ބަންގްލަދޭޝަށް ހިޖުރަކޮށްފައިވާ މީހުންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ތުރުކީވިލާތުން ބޭނުންވާކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު މެވްލުތް ކަވުސޮގްލޫ ވިދާޅުވެއްޖެއެވެ.

މިޔަންމާގެ ހަމަނުޖެހުންތައް ބޮޑު ރަކާން ސްޓޭޓްގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް މިޔަންމާގެ ސަރުކާރުން ހުރަސްއެޅުން ހުއްޓަން ޖެހޭ ކަމަށް ނޯވޭގެ ޚާރިޖީ ވަޒީރުވެސް ވަނީ ވިދާޅުވެފައެވެ.

ރަކާން ސްޓޭޓްގައި ރޮހިންޔާ މުސްލިމުންގެ ޢާއްމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކުން ސަލާމަތްވުމަށް އެއްސަތޭކަ ތޭވީސް ހާހެއްހާ މީހުން މިހާތަނަށް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ ކަމަށް އދން ބުނެއެވެ.

މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި ބަންގްލަދޭޝްގެ ވަގުތީ ހިޔާތަކުން ރައްކާތެރިކަން ހޯދަމުންދާ ގިނަ މީހުން ތިބީ އިންސާނީ އެހީއަށް ބޭނުންވެފައި ކަމަށްވެސް އދން ވަނީ ބުނެފައެވެ.

މިދަނޑިވަޅުގައި، ހަމަނުޖެހުންތަކުގެ ސަބަބުން އަވަށްޓެރި ބަންގަލަދޭޝަށް ހިޖުރަކޮށްފައިވާ ރޮހިންޔާ މުސްލިމުންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތުރުކީވިލާތުން ބޭނުންވާކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު މެވްލުތު ކަވުސޮގްލޫ ވަނީ ވިދާޅުވެފައެވެ.

ބަންގްލަދޭޝަށް ދަތުރެއް ކުރެއްވުމުގެ ކުރިން އަޒަރުބައިޖާނަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ކަވުސޮގްލޫ ވިދާޅުވީ، ތުރުކީވިލާތުން ރޮހިންޔާ މުސްލިމުން ދޫކޮށްނުލާނެކަމަށާއި، ބައިނަލްއަޤްވާމީ ދުނިޔޭގެ އެހީއާއެކު މިމީހުންގެ މައްސަލައަށް ހައްލެއް ހޯދޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ބަންގްލަދޭޝަށް ކުރައްވާ ދަތުރުގައި ތުރުކީ ސަރުކާރުގެ ފަރާތުން އެގައުމަށް އެމްބިއުލާންސްތަކެއް ހަދިޔާކުރާނެ ކަމަށާއި މިއީ ބަންގްލަދޭޝަށް ހިޖުރަކުރާ ރެފިއުޖީންނަށް އެހީވުމަށް ދޭ އެމްބިއުލާންސްތަކެއް ކަމަށެވެ.

ތުރުކީ ޚާރިޖީ ވަޒީރު ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުގައި މިޔަންމާގެ ރޮހިންޔާ މުސްލިމުން ތިބި ވަގުތީ ކޭމްޕަކަށް ޒިޔާރަތްކުރައްވާނެކަމަށް ތުރުކީގެ ޚާރިޖިއްޔާއިން ވަނީ ބުނެފައެވެ.

މިޔަންމާގައި ހަމަނުޖެހުންތައް ހިނގަމުންދާ ރަކާން ސްޓޭޓްގައި އިންސާނީ އެހީއަށް ބޭނުންވެފައި ތިބި ފަރާތްތަކަށް އެހީދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް ނޯވޭގެ ޚާރިޖީ ވަޒީރު ބޯރގް ބްރެންޑް ވަނީ މިޔަންމާ ސަރުކާރަށް ގޮވާލައްވާފައެވެ.

ބުދަ ދުވަހު ވާހަކަ ދައްކަވަމުން ބްރެންޑް ވިދާޅުވީ، މިޔަންމާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި، އޭގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ އެހީގެ މައްސަލައާމެދު ނޯވޭ ސަރުކާރުން ކަންބޮޑުވާކަމަށާއި، މިކަމުގައި ހުރިހާ ފަރާތަކުން ވެސް ވިސްނައިގެން އިތުރު ފިޔަވަޅުތައް އެޅުމަށް ނޯވޭއިން ގޮވާލާކަމަށެވެ.

އެހެންނަމަވެސް މިޔަންމާގެ އެންމެހާ ރައްޔިތުން އަނިޔާވެރި ޢަމަލުތަކުން ސަލާމަތްކުރުމާއި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަކީ މިޔަންމާގެ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށާއި މިޔަންމާގެ ލީޑަރު އައުން ސާން ސޫޗީގެ ސަރުކާރުން މިކަން ފުރިހަމައަށް އަދާކުރަން ޖެހޭކަން ނޯވޭއިންވެސް ވަނީ ފާހަގަކޮށްފައެވެ.

ރަކާން ސްޓޭޓްގެ ހަމަނުޖެހުންތަކަށް އިޝާރާތްކޮށް ވަހަކަދައްކަވަމުން ސޫޗީ ވިދާޅުވެފައިވަނީ، އެގައުމުގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަނިޔާތައް ދެމުންދާކަމަށް ބުނެ، ދޮގު މަޢުލޫމާތު ފަތުރަމުންދާކަމަށެވެ.