ޓުއަރިޒަމް

ބަރެސްދޫއިން ގެސްޓަހައުސް ވިއްކުމަށް ހުޅުވާލަނީ


އެމް.އައި.ޓީ.ޑީ.ސީން ބަރެސްދޫ މަޝްރޫޢު ކުރިއަށްގެން ދިއުމަށް ނިންމާފައިވަނީ، އެމްއެމްޕީއާރުސީން މި މަޝްރޫޢު ކުރިއަށްގެންދިޔަ ގޮތާ ޚިލާފަށް މުޅިން ތަފާތު ކޮންސެޕްޓަކަށެވެ.

މޯލްޑިވްސް އިންޓަގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްއައިޓީޑީސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝާހިދު ވިދާޅުވީ، ގެސްޓްހައުސް އައިލެންޑެއްގެ ގޮތުގައި ބަރެސްދޫ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް ދޫނުކުރެވި ހުރި ބިންތައް ވިއްކުމަށް އަންނަ ހަފްތާގެ ތެރޭގައި ހުޅުވާލާނޭކަމަށެވެ.

އެމްއައިޓީޑީސީން ވަނީ، މިކަމާއި ގުޅިގެން އަންނަ ހަފްތާގެ ބުދަދުވަހު ހޮޓެލް ޖެންގައި އިންވެސްޓަރުންނަށް ޚާއްސަކޮށް އޯޕަންޑޭގެ ނަމުގައި މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައެވެ. މަޢުލޫމާތު ދިނުމުގެ މި ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ އަންގާރަ ދުވަހު މެންދުރު އެކަކުން ހަވީރު ފަހަކަށެވެ.

ބަރެސްދޫގައި ގެސްޓްހައުސްގެ ވިޔަފާރިކުރުމަށް ބޭނުންވާ އިންވެސްޓަރުންނަށް މިފަހަރު ބިންދޫކުރުމަށް ހަމަޖެހިފައިވަނީ، އެ ބިމުގައި ގެސްޓްހައުސް ތަރައްޤީކުރުމަށްފަހުކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްއައިޓީޑީސީން ވަނީ ބަރެސްދޫގައި ގެސްޓްހައުސްގެ އިތުރުން އެ ރަށުގައި ޚިދުމަތްދިނުމަށް ތަރައްޤީކުރާ ތަންތަން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމަށް ނިންމާފައެވެ. މީގެ ތެރޭގައި ރެސްޓޯރެންޓް، ބީޗް ބާ، ކްލަބް، ވޯޓަރ ސްޕޯޓްސް، ޑައިވް ސެންޓަރ ޑޭ ކެއާ ސެންޓަރ ފާހަގަކޮށްލެވެއެވެ.

ޝާހިދު ވިދާޅުވީ، އެމްއައިޓީޑީސީގެ އަމާޒަކީ، ކުރިއަށްއޮތް އަށާރަ މަސްދުވަހުގެ ތެރޭގައި ބަރެސްދޫގައި ތަރައްޤީކުރާ ގެސްޓްހައުސްތަކާއި އެނޫންވެސް އުމްރާނީ ތަރައްޤީގެ މަޝްރޫޢުގެ މަސައްކަތްތައް ނިންމުންކަމަށެވެ.

ބަރެސްދޫގައި ދެ ބީޗް ރިސޯޓާއިއެކު ތިރީސް ހަތަރު ބީޗް ހޮޓާ ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ބަރެސްދޫގައި ފަންސާހާ ގާތް ކުރާ އަދަދަކަށް ގެސްޓްހައުސް ތަރައްޤީކުރުމަށް ނިންމާފައިވާއިރު، މި ރަށުގައި 3،000 އެނދު ހުންނާނޭކަމަށް އެމްއައިޓީޑީސީން ބުނެއެވެ. ބަރެސްދޫއިން 2،000 ވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެއެވެ. ސަރުކާރުން ބަރެސްދޫ ތަރައްޤީކުރުމުގައި ބޮޑަށް އިސްކަންދިނުމަށް ނިންމާފައިވަނީ ދިވެހިންނަށެވެ.