ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައިގައި، ގިނަ ރަށްރަށަށް ބޯކޮށް ވާރޭ ވެހުމާ ގުޅިގެން މޫސުމާ ބެހޭ ޤައުމީ އިދާރާއިން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މިއަދު ވަނީ ބަޔާނެއްވެސް ނެރެފައެވެ.
ބަޔާނުގައި ބުނެފައިވާގޮތުން މިހާތަނަށް ކުރަމުން މިދާ ވިއްސާރައިގައި، އެންމެ ބޯކޮށް ވާރޭވެހި ވައިގަދަވެފައި ވަނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ. އެގޮތުން އިއްޔެ ހެދުނު 8:00 ން މިއަދު ހެނދުނު 8:00 އާ ހަމައަށް ބ.ދަރަވަންދޫއަށް 127 މިލިމީޓަރުގެ ވާރޭވެހިފާވާއިރު ހދ.ހަނިމާދޫއަށް 52 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި ބ.ދަރަވަންދޫއަށް ގަޑިޔަކު 50 މޭލަށް ވައިޖެހިފައިވާއިރު، މާލެއަށް 45 މޭލު ބާރުމިނުގައި ވައިޖެހިފައިވާކަމަށް ރިކޯޑް ކުރެވިފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.
ކުރިއަށް އޮތް 24 ގަޑި އިރު ތެރޭގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގިނަ ރަށްރަށަށް ބޯކޮއް ވަރޭވެހޭނެކަމަށް ލަފާކުރެވޭކަމަށާއި، ހުޅަނގު ދެކުނާއި ހުޅަގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިޔަކު ގާތްގަޑަކަށް 50 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން މައުލޫމާތުދެއެވެ.
މި ވިއްސާރައާ ގުޅިގެން ބައެއް ރަށްރަށުގައި ކޮންމެވެސް ވަރަކށް ފެންބޮޑުވެފައިވީނަމަވެސް ބޮޑު ގެއްލުމެއް ވެފައި ނުވާކަމަށް ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރުން މައުލޫމާތުދެއެވެ.
ހުޅަނގު މޫސުމާ ދިމާކޮށް ކުރަމުން މިދާ ވިއްސާރާގައި ޢާންމުކޮށް ހުރިހާފަރާތަކުންނާ، ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން އިލްތިމާސްކުރެއެވެ.