ތަރައްްޤީ

އައްޑޫ ސިޓީގެ 3 ރަށުގެ ނަރުދަމާ އިފްތިތާހް ކުރުމަށް ދެކުމެއް!


އައްޑޫ ސިޓީގެ 3 ރަށުގެ ނަރުދަމާ އިފްތިތާހް ކުރުމުގެ ގޮތުން ދެކުމެއް ބޭއްވުމަށް ނިންމައިފިއެވެ.

މަރަދޫ، މަރަދޫ ފޭދޫ، ފޭދޫ ގެ ކަނބަލުން އިސްނަގައިގެން ބާއްވާ މި ދެކުން ބާއްވާން ހަމަޖެހިފައިވަނީ  ހުކުރު ދުވަހު ހަވީރު ފޭދޫ ފުއްޓަރު ފަރާތު ދިގި ހެރަ ސަރަހައްދުގައެވެ.

މި ހަރަކާތުގެ ތެރޭގައި ބޮޑު ބެރާއި، މަލާ ފަތާއި، ބިލަށް މަލާފަތް ފަދަ ސަޤާފީ ހަރާކާތްތައް ފެނިގެންދާނެއެވެ. މިފަދަ ދެކުމެއް ބޭއްވުމުގެ އެންމެ ބޮނޑު މަޤްސަދަކީ އާންމު ރައްޔިތުންނަށް ނަރުދަމާގެ މަސައްކަތް ކުރާ ސަރަހައްދާއި، މަސައްކަތައް ގެނެސްފައިވާ، ސާމާނު އަމިއްލަޔަށް ބަލާލުމުގެ ފުރުޞަތު ފަހި ކޮށްދިނުން ކަމަށާއި ސަރުކާރުން ރައްޔިތުންނަށް ކަންކަން ފުރިހަމަކުރުމުގެ ގޮތުން ހިންގަމުންދާ ބޮޑެތި މަޝްރޫއު ތަކުގެ އަގު ވަޒަން ކުރުން ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ދީދީ (އައި.ބީ) ވިދާޅުވިއެވެ.

ފާއިތުވި ހުރިހާ ދައުރުތަކުގައިވެސް ރައްޔިތުން އަބަދުވެސްތިބީ ނަރުދަމާ ފަދަ ތަރައްޤީއަށް ބޭނުންވެފައި ކަމަށާއި މިކަންތައްތައް ފަހި ވެގެން މިދަނީ ހަމަ އެކަނި ރައީސް ޔާމީންގެ ސަރުކާރުގައިކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.

ނަރުދަމާ ނިޒާމްގެ އިތުރަށް އެއާޕޯޓް ހެދުމާއި، ސްކޫލްތައް އެޅުމާއި، މަގުތައް ހެދުންފަދަ ބޮޑެތި މަޝްރޫއުތަކުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ދާ ކަމަށާއި އުންމީދަކީ ނަރުދަމާގެ މަސައްކަތްވެސް ކަނޑަ އެޅިފައިވާ ތާރީޚަށް ނިންމުން ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.

އައްޑޫސިޓީގެ އިތުރަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސަރުކާރުން ގެންދަވަނީ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ހިނަގަމުން. މީގެތެރެއިން ބޮޑެތި ބައެއް މަޝްރޫޢުތައް ނިމުމަކާހަމައަށް ގޮސްފައިވާއިރު، 2018 ވަނަ އަހަރަކީ ގިނަ މަޝްރުޢުތައް ނިމި އޭގެ އުފާވެރިކަން ރައްޔިތުންނަށް ލިބޭނެ އަހަރެއްކަމަށް ސަރުކާރުން ބުނެއެވެ.