ތަރައްްޤީ

"މިހާރު ޓީމްގެ ބިރު ކެނޑިއްޖެ، ކޮލިފިކޭޝަންގައި ޓީމް ތަފާތުވާނެ"


16 އަހަރުން ދަށުގެ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ވުރެ މޮޅު ކުޅުމެއް ކުރިއަށް އޮތް އޭއެފްސީ 16 އަހަރުން ދަށުގެ ކޮލިފިކޭޝަން މުބާރާތުން ފެނިގެންދާނެކަމަށް ކޯޗް މުހައްމަދު ޝާޒްލީ ބުނެފިއެވެ. 

އެންމެ ފަހުން 16 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމް ވާދަކޮށްފައިވަނީ ނިމިގެންދިޔަ ސޯޅަ އަހަރުން ދަށުގެ ސާފް ޗެންޕިއަންޝިޕްގައެވެ. 

16 އަހަރުން ދަށުގެ ޓީމްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނީ ސާފް މުބާރާތަށް ދިޔައިރު، ޓީމްގައި ގިނައީ ބައިނަލްއަޤްވާމީ އެއްވެސް މުބާރާތެއް އަދި އެއްވެސް މެޗެއްވެސް ކުޅެފައިނުވާ ކުޅުންތެރިން ތަކެއްކަމަށެވެ. އެހެންކަމުން ސާފް ޗެންޕިއަންޝިޕްގައި ބައެއް ކުޅުންތެރިން ކުޑަކޮށް ބިރުންވެސް އުޅުނުކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އަލަށް ބައިނަލްއަޤްވާމީ މުބާރާތަކަށް ދިޔަ ކުދިން ގިނަވުމުން، ވަރަށް ބައިވަރު ކަންތައްތައް އެކުދިންނަށް ބުނެދޭންވެސް ޖެހުނުކަމަށް ޝާޒްލީ ބުންޏެވެ. 

ކުރިއަށް އޮތް އޭއެފްސީ ސޯޅަ އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ބުރުގައި ވާދަކުރާ ޓީމްތަކަކީ ސާފް ސަހަރައްދުގެ އިންޑިޔާއާއި އެއް ފެންވަރެއް ނުވަތަ އެއަށް ވުރެއްވެސް މޮޅު ޓީމްތަކެއްކަމަށާއި، އޭއެފްސީގައި ވާދަކުރާ ޓީމްތައް ސާފް ސަރަހައްދުގެ ޓީމްތަކަށް ވުރެ އޯގަނައިޒްވާނެކަމަށް ޝާޒްލީ ބުންޏެވެ. 

އޭއެފްސީގެ ޓީމްތައް ވަރުގަދަ ނަމަވެސް މިހާރު ރާއްޖޭގެ ސޯޅަ އަހަރުން ދަށުގެ ޓީމްގެ ކުދިންގެ ބިރު ވަރަށް ކުޑަވާނެކަމަށާއި، ކޮލިފައިންގައި ރަނގަޅު ކުޅުމެއް ޓީމްގެ ފަރާތުން ފެންނާނެކަމަށް 16 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމްގެ ކޯޗް މުހައްމަދު ޝާޒްލީ ބުންޏެވެ.

"ކޮލިފިކޭޝަންގެ ޓީމްތައް ވަރަށް ވަރުގަދަވާނެ، އެހެންވީމަ ބޮޑަށް ބަލާނީ ވީހާވެސް ރަނގަޅު ގޭމެއް ކުޅެ، ބައިކޮޅަށް ވަންނަ ލަނޑު މަދުކުރަން ކަމަށް. ފުޓްބޯޅައިގައި ކުރިން ނޭންގޭނެ ވާނެގޮތެއް ބުނާކަށް. މެޗެއްގައި ކުޅުންތެރިން ކުރާ މަސައްކަތާއި، ހިތްވަރަށް ނަތީޖާ ގިނަ ފަހަރު ބުރަވާނީ. އެހެންވީމަ ބަލާނީ ވީހާވެސް ބުރަކޮށް މަސައްކަތްކޮށްގެން ރަނގަޅު ނަތީޖާއެއް ނެރެން. މިހާރު ޤަބޫލް ކުރަނީ މިޓީމަށް ސާފް ޗެންޕިއަންޝިޕްގައި ލިބިފައިވާ ތަޖްރިބާގެ ބޭނުން މިކޮލިފިކޭޝަންގައި ވަރަށް ބޮޑަށް ކުރާނެކަމަށް" ޝާޒްލީ ބުންޏެވެ.

އޭއެފްސީ 16 އަހަރުން ދަށުގެ ކޮލިފައިން އޮންނާނީ ސެޕްޓެމްބަރު 16 އިން 29 އަށެވެ. ރާއްޖެ ހިމެނެނީ އޮމާންއާއި ތަޖިކިސްތާނާއި، ސީރިއާއާއި ތުރުކުމެނިސްތާނާ އެކު ގްރޫޕް ބީ ގައެވެ. ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތަޖިކިސްތާނުގެ ޑުޝާންބޭގައެވެ.