ކުޅިވަރު

މެސީ ވިއްކާ އަގު ބޮޑެއް ނުކުރާނެ - ބާސާ


ދުނިޔޭގެ ފުޓްބޯޅަ ކުޅުންތެރިންގެ އަގު އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންދިޔަ ނަމަވެސް ލަޔޮނަލް މެސީ ވިއްކަން ހަމަޖައްސާފައިވާ އަގަކީ މައްސަލައެއްނޫން ކަމަށާއި، އަގުބޮޑުކުރަން ނުވިސްނާކަމަށް ބާސެލޯނާއިން ބުނެފިއެވެ.

ކުޑައިރުއްސުރެ ބާސެލޯނާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ވިއްކަން ބާސެލޯނާއިން ހަމަޖައްސާފައިވާ އަގަކީ 300 މިލިއަން ޕައުންޑެވެ. މިއަގަކީ ކުޑައަގެއް ކަމަށް ބުނެ ފުޓްބޯޅައިގެ އެކި ފަރާތްތަކުންނާއި ބާސެލޯނާގެ ސަޕޯޓަރުން ފާޑުކިޔަން ފަށާފައިވަނީ 222 މިލިއަން ޕައުންޑަށް ބާސެލޯނާގެ ނޭމާ ފްރާންސްގެ ޕީއެސްޖީ އަށް ގަތުމުންނެވެ. ބާސެލޯނާގެ ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި 300 މިލިއަން ޕައުންޑަކީ މެސީ ގަތުމަށް އަރަބި މަހުޖަނުން ބޭނުންވެއްޖެނަމަ އެއްވެސް އެއްޗަކަށްނުވާނެއެވެ.

ނަމަވެސް ޓީމަށް މޮޅު ކުޅުންތެރިން ނުގެނެވުމުން އިތުބާރު ނެތްކަމުގެ މައްސަލައާ ކުރިމަތިލާން ޖެހިފައިވާ ބާސެލޯނާގެ ރައީސް ޖޯސެޕް ބާޓޮމެއު ބުނީ މެސީ ވިއްކަން ހަމަޖައްސާފައިވާ އަގު ބޮޑު ކުރަން ނުވިސްނާ ކަމަށެވެ. ސަބަބަކީ ކިތަންމެ ބޮޑު އަގެއް ކޮންޓްރެކްޓްގައި ޖަހާފައިވީ ނަމަވެސް ކުޅުންތެރިއެއްގެ ރުހުމާނުލައި ބާސެލޯނާގައި އެމީހަކު ނުބަހައްޓާނެތީ ކަމަށެވެ. ބާޓޮމެއު ބުނީ ބާސެލޯނާގައި ކުޅުންތެރިން ތިބެންވާނީ ހިތްހަމަޖެހިގެން ކަމަށާއި، ނޭމާ ވެސް ކުލަބުން ދާން ބޭނުންވުމުން ދޫކޮށްލީ ކަމަށެވެ.

މެސީ ވިއްކަން 300 މިލިއަން ޕައުންޑް ބާސެލޯނާއިން ކަނޑައަޅާފައިވާއިރު، ވާދަވެރި ރެއާލް މެޑްރިޑުން ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކަން ކަނޑައަޅާފައިވަނީ އެއްބިލިއަން ޕައުންޑެވެ.