ޚަބަރު

ސަޓާ އެވޯޑަށް ތައްޔާރުވުމުގެ މަސައްކަތް ހައިރައިޒުން ފަށައިފި


ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާގެ އިވެލުއޭޝަންތައް ނިންމާލުމަށްފަހު ސަޓާ އެވޯޑަށް ތައްޔާރުވުމުގެ މަސައްކަތް ހައިރައިޒުން ފަށައިފިއެވެ. 

މި އިވެންޓް އޮންނާނީ އޮކްޓޯބަރުމަހުގެ ހަތާވީހުން ނަވާވީހަށް އައްޑޫ ސިޓީގެ އިކުއޭޓަރ ވިލެޖްގައެވެ.

ދެކުނު އޭޝިއާ ސަރަހައްދަށް ޚާއްސަކޮށްގެން ދޭ އެންމެ ޝަރަފްވެރި ޓްރެވަލް އެވޯޑް، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް، ސަޓާ ގެ އިވެލުއޭޝަންތައް ނިންމާލާފައިވާއިރު 400 އަށްވުރެ ގިނަ ފަރާތުން ސަޓާ އެވޯޑަށް ނޮމިނޭޓް ކޮށްފައިވާކަމަށް މިކަން އިންތިޒާމުކުރާ ހައިރައިޒުން މައުލޫމާތުދެއެވެ.

ދެކުނު އޭޝިޔާ ސަރަހައްދުގެ ފަސް ގައުމަކުން މި އެވޯޑަށް ވާދަކުރާއިރު މި ފަސް ގައުމުގެ އިވެލުއޭޝަންތައްވެސް މިހާރުވަނީ ނިމިފައެވެ. މިފަސް ޤައުމަކީ ދިވެހިރާއްޖެ، ސްރީލަންކާ، އިންޑިޔާ، ނޭޕާލް، ބޫޓާންއެވެ.

ޖުމްލަ 39 ކެޓަގަރީން އެވޯޑް ދިނުމަށް ހަމަޖެހިފައިވާއިރު، އެވޯޑް ދިނުމުގައި ބަލާނީ އޮންލައިން ވޯޓިންގް ގެ 40 އިންސައްތައާއި އިވެލުއޭޝަނުން ލިބޭ 60 އިންސައްތައަށްކަމަށް ހައިރައިޒުން މައުލޫމާތުދެއެވެ. އޮންލައިން ވޯޓިންއާއި އިވެލުއޭޝަންތައްވެސް މިހާރު ނިމިފައިވާއިރު އެވޯޑްތަކަށް ވާދަކުރާ ފަރާތްތަށް ވަރަށް އަވަހަށް އެނގިގެންދާނެކަމަށް ހައިރައިޒުން މައުލޫމާތުދެއެވެ. އެވޯޑް ލިބޭ ފަރާތްތައް ޢިއުލާންކުރަނީ ސަޓާ އެވޯޑްގެ ތެރެއިން އޮންނަ ގާލާ ނައިޓްގައެވެ.

ސަޓާ އެވޯޑް މިއަހަރު ބާއްވަން ހަމަޖެހިފައިވަނީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގެ އިކުއޭޓަރ ވިލެޖްގައެވެ. ރާއްޖެއާއި ރާއްޖެން ބޭރުގެ ބޮޑެތި ކުންފުނިތަކަކުން މި އިވެންޓްގައި ވާދަކުރާއިރު މިއީ ރާއްޖޭގެ ޓުއަރިޒަމް ޚާއްސަ ގޮތެއްގައި އައްޑޫ ސިޓީގެ ޓުއަރިޒަމް ކުރިއެރުވުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއްކަމަށް ހައިރައިޒުން ބުނެއެވެ.

ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާ އެވޯޑް މިދިޔަ އަހަރު ބާއްވާފައިވަނީ ސްރީލަންކާގެ ކޮލަންބޯގައެވެ. މިއަހަރު ރާއްޖޭގައި މި އެވޯޑް ބާއްވާއިރު، މިދިޔަ އަހަރަށްވުރެ ބޮޑު ތަރުހީބެއް މިފަހަރުގެ އެވޯޑަށް ލިބިފައިވާކަމަށް ހައިރައިޒުން މަޢުލޫމާތުދެއެވެ.