ޚަބަރު

ފުރަތަމަ 6 މަސްދުވަސް މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް


މިއަހަރުގެ ފުރަތަމަ 6 މަސްދުވަސް ނިމުނުއިރު މަސްވެރިކަމުގެ ދާއިރާއަށް އެދެވޭ ކުރިއެރުންތައް ލިބިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްްއޭއިން ހާމަކޮށްފިއެވެ. 

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތަކުގެ މައްޗަށް ބިނާކޮށް އެމްއެމްއޭއިން ތައްޔާރުކޮށް ނެރެފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރެ ތަފްސީލްތަކަށް ބާލާލައިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަމަސްދުވަހާ އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މަސްގަންނަ ކުންފުނިތަކަށް މަސް ކިރުވި އަދަދު ވަނީ ތިރީސް ދޭއް އިންސައްތަ އިތުރުވެފައެވެ. 

އެމްއެމްއޭގެ ރިޕޯޓްގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު ކުންފުނިތަކަށް ކިރުވި މަހުގެ އަދަދު އުޅެނީ، ތިރީސް ދެހާސް މެޓްރިކް ޓަނަށްވުރެ މަތީގައެވެ.

މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ކުންފުނިތަކުން މަސް ގަނެފައިވާ އަގަށް ބަލާއިރު، ފިނިކުރި އަދި ތާޒާ ކަޅުބިލަމަސް ކިލޯއެއް ގަނެފައިވަނީ ނަވާރަ ރުފިޔާއަށެވެ. މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހު ޖުމްލަ ގޮތެއްގައި ރީނދޫ އުރަހަ ކަންނެލި ކިލޯއެއްގެ އަގު ހުރީފަސްދޮޅަސް ހަތްރުފިޔާ ހަތްދިހަ ލާރީގައެވެ. އެމްއެމްއޭގެ ތަފާސްހިސާބުގައި ވާގޮތުން މިއަހަރުގެ ޖޫންމަސް ނިމުނުއިރު ރީދޫ އުރަހަ ކަންނެލި ކިލޯއެއްގެ އަގުވަނީ، އަށްޑިހަ ފަސްރުފިޔާއަށް މައްޗަށްގޮސްފައެވެ.

މިއަހަރުގެ ފުރަތަމަ ހަމަސްދުވަސް ނިމިގެންދިޔައިރު، މަސްވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މަސްވެރިކަމުގެ ސިނާޢަތު ކުރިއަރުވާ ފުޅާކުރުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތެއް ކުރަމުންނެވެ. މިގޮތުން މަސްވެރިކަމުގެ ތެރެއަށް ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފްކޮށް މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ފިޝަރީޒް މިނިސްޓްރީން ކުރާ މަސައްކަތް ފާހަގަކޮށްލެވެއެވެ. މިގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި އައިސްޕްލާންޓައް މަރާމާތުރުކޮށް ޚިދުމަތް ދޭން ރައްޔާރުވެފައިވާއިރު، އިތުރު އައިސްޕްލާންޓްތައް ބެހެއްޓުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ގެންދަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ މަސްދަޅު ބަންދުކުރާ ކާރުޚާނާތައް ޤާއިމް ކުރުމަށް އިދާރީގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ނިންމާ މިކަމަށް ފައިސާވެސް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. 

މިމަސައްކަތުގެ ތެރެއިން މިހާރު ކުރަމުންދަނީ ކާރުޚާނާތައް އެޅާނެ ރަށްރަށް ކަނޑައެޅުމުގެ މަސައްކަތެވެ. މިއަހަރު ނިމެންވާއިރަށް މަސްވެރިންނަށް ދިމާވެފައިވާ ހުރިހާ ގޮންޖެހުންތައް ހައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މި މައްސަލަތައް ހައްލުކުރެއްވުމަށް ދައުލަތުގެ ބަޖެޓުން ތިންސަތޭކަ އަށް މިލިޔަން ރުފިޔާ ޚާއްޞަކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.