ޚަބަރު

ރާއްޖެއިން މިއަހަރު ޙައްޖަށްދިޔަ މީހުން އަންނަން ފަށައިފި


މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދިޔަ މީހުން އަންނަން ފަށައިފިއެވެ.

ޙައްޖާޖީންގެ ތެރެއިން މިއަދު ހެނދުނު ރާއްޖެ އައިސްފައިވަނީ ޒައީ ޙައްޖު ގްރޫޕުގެ ޙަވާލުގައި ޙައްޖަށްދިޔަ 101 މީހުންނެވެ.

ޙައްޖު ކޯޕަރޭޝަނާއި އިތުރު ތިން ގުރޫޕަކުން މިފަހަރު މީހުން ޙައްޖަށް ގެންގޮސްފައިވެއެވެ. އޭގެތެރޭގައި ޒަޢީ ގުރޫޕްގެ އިތުރަށް ހިމެނެނީ އަލް ޙަރަމައިންއާއި ސިސިލްފަރު ޙައްޖު ގުރޫޕެވެ.

ޒަޢީ ގުރޫޕްގެ ޙަވާލުގައި ދިޔަ ޙައްޖާޖީން މިއަދު ހެނދުނު އައިސްފައިވާއިރު ސިސިލްފަރު ގުރޫޕުގެ ހަވާލުގައި ޙައްޖަށް ދިޔަ މީހުން އެނބުރި ރާއްޖެ އަންނާނީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭގައެވެ. އަލް ހަރަމައިން ގުރޫޕުގެ ޙައްޖާޖީން އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ އެގާރަ ވަނަ ދުވަހުގެ ރޭގައެވެ. މި ހުރިހާ ޙައްޖާޖީންވެސް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ސްރީލަންކާ މަގުންނެވެ.

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8 ވަނަ ދުވަހާއި، 10 ވަނަ ދުވަހާއި، 11 ވަނަ ދުވަހާއި 22 ވަނަ ދުވަހާއި 26 ވަނަ ދުވަހުގެ އިތުރުން 29ހުގައެވެ. މި އެންމެންވެސް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ސަޢޫދީ އެއަރލައިންއިންނެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 1300 މީހުން ޙައްޖަށް ގޮސްފައިވެއެވެ.

މިއަހަރު ސަޢޫދީއަރަބްއްޔާއިންވަނީ ރާއްޖޭގެ ޙައްޖާޖީންނަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި ޖިއްދާގެ އެއަރޕޯޓުގައި ދިވެހީންނަށް ޚާއްސަ އިމިގްރޭޝަން ކައުންޓަރެއްވެސް ޤާއިމްކޮށްފައިވެއެވެ.