ތަރައްްޤީ

އައްޑޫސިޓީގެ 3 ރަށުގެ ނަރުދަމާއަށް ބޭނުންވާ ސާމާނު ގެންގޮސްފި


އައްޑޫސިޓީ މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫގެ ނަރުދަމާއަށް ބޭނުންވާ ތަކެތީގެ ޝިޕްމަންޓް އަށްޑޫސިޓީއަށް ގެންގޮސްފިއެވެ.

އަށްޑޫސިޓީގެ 3 ރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުއަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީ)އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

މި ތިންރަށުގެ ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެމްޓީސީސީއިން މަޢުލޫމާތުދެއެވެ. އަދި މިހާރު ކުރިއަށްދަނީ މޫދަށް އަޅަންޖެހޭ ހޮޅިތައް ހިފެހެއްޓުމަށް ބޭނުންކުރާ އެންކަރ ބްލޮކްސްތައް ހެދުމުގެ މަސައްކަތްކަމަށާ، މި މަސައްކަތުގެ 50 އިންސައްތަ މިހާރު ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނެއެވެ.

ހުޅުމީދޫގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އެމްޓީސީސީއިން މަޢުލޫމާތުދޭގޮތުގައި ހުޅުމީދޫގައި މިހާރު ކުރިއަށްދަނީ ނަރުދަމާ އެޅުމަށްބޭނުންވާ ހޮޅި ވަޅުލުމުގެ މަސައްކަތްތަކެވެ.

އޮފިޑްގެ ލޯނުއެހީގެދަށުން ކުރިއަށްގެންދާ މި ތިން ރަށުގެ ނައުދަމާގެ މަޝްރޫޢަކީ، 130.6 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫޢުގެދަށުން 38 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައަކާއި، ތިންހާސް ތިންސަތޭކަ އަށްޑިހަ ހަތް ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބެހެއްޓުމަށްވެސްވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ މަސައްކަތް އަންނައަހަރުގެ ޖޫންމަހު ނިންމުމަށްދަނީ އެމްޓީސީސީން ދަނީ މަސައްކަތްކުރަމުންނެވެ. ނަދަމާގެ މަސައްކަތް ނިމިގެންދާއިރު ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބިސީތަކާއި މުއައްސަސާތަކަށް ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެއެވެ.