ޚަބަރު

ސިވިލް ސަރވިސްގެ ވަފްދެއް ޗައިނާއަށް ފުރައިފި


ސިވިލް ސަރވިސްގެ މައްސައްކަތްތަކާއި ގުޅޭގޮތުން ޗައިނާގައި ބާއްވާ މަސައްކަތު ބައްދަލުވުމެއްގައި ބައިވެރިވުމަށް ސިވިލް ސަރވިސްގެ ވަފުދެއް ޗައިނާއަށް ފުރައިފިއެވެ.

ސެމިނަރ އޮން ޕަބްލިކް އެޑްމިނިސްޓްރޭޝަން ފޮރ ސިވިލް ސަރވެންޓްސް އޮފް މޯލްޑިވްސްގެ ނަމުގައި ޗައިނާގެ ބައިޖިންގގައި ކުރިއަށް ގެންދާ މި މައްސައްކަތު ބައްދަލުވުން ކުރިއަށް ދާނީ މިމަހުގެ ފަހަކުން ފަންސަވީހުގެ ނިޔަލަށެވެ.

މި ސެމިނާގައި ޗައިނާގެ ސިވިލް ސަރވިސްއާ ބެހޭގޮތުންނާއި ޗައިނާއިން ހާސިލްކޮށްފައިވާ ތަރައްޤީގެ ބައެއް މަސައްކަތްތަކާއި، ޗައިނާގައި ކަމިޔާބު ކަމާއެކު ހިނގާ އިޤްތިޞާދީ، އިޖްތިމާއީ، އަދި ސިޔާސީ ސިޔާސަތުތަކާ ބެހޭ ގޮތުން ބައިވެރީންނަށް މައުލުމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުންވެސް މި ދަތުރުގައި ޗައިނާގެ މަޝްހޫރު ބައެއް ތަންތަނަށް ޒިޔާރަތްކޮށް ޗައިނާގެ ތަރައްޤީގެ ކަންކަން ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ސިވިލްސަރވިސް އިން ބުނެއެވެ.

މި ސެމިނާގައި ބައިވެރިވުމަށް ސިވިލް ސަރވިސްގެ އެކި ދާއިރާތަކުގެ މުވައްޒަފުންނާއި ސިވިލްސަރވިސް ކޮމިޝަނުގެ ބައެއް މުވައްޒަފުންގެ އިތުރުން ދައުލަތުގެ ބައެއް އެހެން މުވައްޒަފުންނާއިއެކު ޖުމްލަ ތިރީސް މުވައްޒަފުން ބައިވެރިވެއެވެ.

މިއީ ޗައިނީސް އެކަޑަމީ އޮފް ގަވަރަނަންސްއާ ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބާއްވަމުން އަންނަ ސެމިނާއެކެވެ. މިއީ މި ގޮތަށް ބާއްވާ ހަތްވަނަ ސެމިނަރއެވެ.