ޚަބަރު

ގެއްލުނު 2 ޙައްޖުވެރިންވެސް ފެނިއްޖެ


ދިވެހި ޙައްޖުވެރިންގެ ތެރެއިން ވީތަނެއް ނޭނގިގެން ހޯދަމުން ދިޔަ ދެ ދިވެހިންވެސް ފެނިއްޖެއެވެެ.

މިދެމީހުންގެ ތެރެއިން އަންހެން މީހާ ހޮނިހިރުދުވަހު ފެނިފައިވާއިރު، ފިރިހެންމީހާވެސް ވަނީ މިހާރު ފެނިފައެވެ. މިދެމީހުންނަކީވެސް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ ދެމީހުންނެވެ. ގެއްލިގެން ހޯދަމުންދިޔަ ޅ.ނައިފަރަށް ނިސްބަތްވާ ޢުމުރުން 71 އަހަރުގެ ޢަބްދުއްލަތީފް ފެނިފައިވާނީ މިއަދު މެންދުރު ކުރީގެ ވަގުތެއްގައެވެ. 

އޭނާ ފެނިފައިވަނީ، މައްކާގައި ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން ތިބި ހޮޓަލެއްގެ ކައިރިންކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. ފެނުނުއިރު ހާލުރަނގަޅުކަމަށާއި، އަބްދުއްލަތީފް ގެއްލިގެން ހޯދަންފެށީ ހިލައުކުމަށްފަހު ޓެންޓަށް އައިސް އަނެއްކާވެސް އޭނާ ބޭރަށް ނުކުތުމަށްފަހުކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

މި ދެމީހުން ޙައްޖަށް ގޮސްފައިވަނީ ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައެވެ. ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ ފެނިފައިވަނީ މިނާއާއި މުޒްދަލިފާ ހިމެނޭ ސަރަޙައްދުގައި ހުންނަ ކުވައިތު މިސްކިތް ކައިރިންނެވެ. މުޒުދަލިފާއިން ޙައްޖާޖީން ދަތުރުފެށިއިރު އޭނާއަށް ބަހަށް އެރޭގޮތް ނުވެ އަދި އޭނާ ބަހަށް ނާރާކަން އެހެން ޙައްޖާޖީންނަށް ފާހަގަކުރެވިފައި ނުވަނީ، ހޫނުގެ ސަބަބުން އޭނާ ބޯނއަބުރާގޮތް ވުމުން މަޑުކޮށްލައިގެން ހުރުމުންނާއި އެކަން އެހެން މީހަކަށް ފާހަގަކުރެވިފައި ނުވާތީކަމަށް ރާއްޖޭގެ ޙައްޖު މިޝަނުން ބުނެއެވެ.

ރާއްޖޭގެ ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ހައްޖަށް މީހުން ގެންދިޔަ ފަރާތްތަކުންވަނީ ބުނެފައެވެ. މިއަދު ރާއްޖޭގެ ހުރިހާ ހައްޖުވެރިންވެސް މިނާ ދަތުރަށްފަހު މައްކާއަށް ގޮސް ނިމޭނެކަމަށް މިވަގުތު މައްކާގައި ހުރި ޕީ.އެސް.އެމްގެ އެޑިޓަރ މުޙައްމަދު އަފްސަލް މަޢުލޫމާތުދެއެވެ.

ރާއްޖެއިން މިފަހަރު 1300 އެއްހައި މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސަޢުދީ އަރަބިއްޔާއަށް ގޮސްފައިވާއިރު، އަންނަ ބުދަދުވަހުން ފެށިގެން ހައްޖުވެރިން އެނބުރި އަންނަން ފަށާނެއެވެ.