ކުޅިވަރު

ބޭނުމީ ފްރާންސްގައި ހުރެ މޮޅު ކުޅުންތެރިއަކަށްވާން - އެމްބާޕޭ


ޔޫރަޕުގެ ޗެމްޕިއަން ސްޕޭނުގެ ރެއާލް މެޑްރިޑަށް ނުގޮސް ފްރާންސްގެ ޕީއެސްޖީ އަށް ދާން ނިންމީ އަމިއްލަ ގައުމުގައި ހުރެ މޮޅު ކުޅުންތެރިއަކަށް ވުމަށްޓަކައި ކަމަށް ކައިލިއަމް އެމްބާޕޭ ބުނެފިއެވެ.

ފްރާންސްގެ މޮނާކޯއިން 166 މިލިއަން ޕައުންޑަށް ޕީއެސްޖީ އަށް ބަދަލުވި 18 އަހަރުގެ ފޯވަޑް ބުނީ އޭނާ ގަބޫލު ކުރާ ގޮތުގައި އެންމެ މޮޅު ގޮތަކީ އަމިއްލަ ގައުމުގައި ހުރެ މޮޅު މީހަކަށްވުން ކަމަށެވެ. އަދި އެއީ ދުނިޔޭގެ ތަރިން މީގެ ކުރިން ދައްކާފައިވާ މިސާލެއް ކަމަށާއި އެމަގުން ހިނގަން އޭނާ ވެސް ބޭނުންވީ ކަމަށެވެ.

އެމްޕާބޭ ހޯދުމަށް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑް އަދި އާސެނަލްއިން ވެސް މަސައްކަތް ކުރިއެވެ. ޔޫރަޕުގެ މަޝްހޫރު ކުލަބުތަކުގެ ބަދަލުގައި އޭނާ ޕީއެސްޖީ އަށް ބަދަލުވީ އެކުލަބުން ވަރަށް ބޮޑު މުސާރައެއްވެސް ދޭން ނިންމުމުންނެވެ.

ނަމަވެސް އެމްޕާބޭ ބުނީ ބާސެލޯނާގައި ހުރެފައި ބްރެޒިލްގެ ނޭމާ ޕީއެސްޖީ އަށް ބަދަލުވުމަކީ އެކުލަބަށް ދާން އޭނާ އަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

ފްރާންސްގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން އެމްބާޕޭ އަކީ ޔޫރަޕުގެ އެންމެ ގިނަ ކޯޗުން ބޭނުންވާ ކުޅުންތެރިޔާއެވެ. 

އާސެނަލްގެ ކޯޗު ފްރާންސްގެ އާސެން ވެންގާ ބުނީ އެމްބާޕޭ އަކީ ކުރިމަގުގައި ބްރެޒިލްގެ ޕެލޭ ފަދަ ކުޅުންތެރިއަކަށް ވެވިދާނެ މީހެއް ކަމަށެވެ. ސަބަބަކީ އެމްބާޕޭ އަކީ ގޯލު ޖަހާ ކުޅުންތެރިއެއްގެ އިތުރުން ބޯޅަ ހޯދައިގެން އެހެން ކުޅުންތެރިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދޭ ކުޅުންތެރިއެއް ކަމަށެވެ. އަދި މިއީ ވަރަށް މަދު ކުޅުންތެރިއަކަށް ނޫނީ ނުލިބޭ ހުނަރެއް ކަމަށާއި އެމްޕާބޭ ކުރިއަށްދާންޖެހޭނީ ވަރަށް ވިސްނުންތެރިކަމާއެކުގައި ކަމަށެވެ.