ކުޅިވަރު

ވެނެޒުއޭލާ މެޗަށް ނިކުންނަނީ މުޅި ގައުމު އެއްކޮށް - ސަމްޕައުލީ


ފީފާ ވޯލްޑްކަޕަށް ކޮލިފައިވުމަށް ނާޒުކު ހާލަތެއްގައި އޮތް އާޖެންޓީނާ މާދަމާރޭ ވެނެޒުއޭލާއާއި ދެކޮޅަށް ނިކުންނަނީ މުޅި ގައުމު އެއްކޮށްކަމަށް ކޯޗު ޖޯޖް ސަމްޕައުލީ ބުނެފިއެވެ. 

ދެކުނު އެމެރިކާ ސަރަޙައްދުގެ ކޮލިފައިންގައި އާޖެންޓީނާ މިވަގުތު އޮތީ ފަސްވަނައިގައެވެ. ކޮލިފައިންގައި ބާކީ ތިން މެޗު އޮތްއިރު، އެޓީމަށް އޮޓޮމެޓިކް ކޮލިފައިން ޖާގައެއް ހޯދުމުގެ އަމިއްލަ ބާރެއް ނެތެވެ. އެކަމަކު ކުރިއަށް އޮތް ތިން މެޗު ކާމިޔާބުކޮށްފިނަމަ އެޓީމަށް ކޮލިފައިންގެ ޕްލޭ އޮފް ޖާގަ ޔަގީންވާނެއެވެ. 

ތާވަލްގެ ކުރީގައި އޮތް ހަތަރު ޓީމުގެ ތެރެއިން ބްރެޒިލް ފިޔަވައި ކޮންމެ ޓީމެއް ބަލިވިޔަސް ކުރިއަށް ޖެހިލުމުގެ ފުރުސަތު އާޖެންޓީނާއަށް އެބައޮތެވެ. 

ވެނެޒުއޭލާއާއި ދެކޮޅަށް ނިކުންނަ މެޗާއި ގުޅޭ ގޮތުން ކޯޗު ބުނީ، ކޮލިފައިންގައި ދެމިއޮންނަން މޮޅުވާން ޖެހޭކަމަށާއި، ކުރިއަށް މިއޮތީ ތިން ފައިނަލްކަމަށެވެ. ކޮލިފައިންގައި އެންމެ ފަހުން އުރުގުއޭ އަތުން މޮޅު ނުވެވުނަސް ކުރިއަށް އޮތް މެޗަށް އިތުބާރު އެބައޮތްކަމަށްވެސް ކޯޗު ސަމްޕައުލީ ބުންޏެވެ. 

"މުޅި ގައުމު އެއްކޮށް ފުރަތަމަ ފައިނަލަށް މި ނިކުންނަނީ، ނަތީޖާ ނެރެގެން ކަމެއްވާން އޮތީ، ހުރިހާ ފޯކަސްއެއް މިހާރު ހުރީ އެކަމަށް" އާޖެންޓީނާގެ ކޯޗު ބުންޏެވެ.

ތާވަލްގެ ފުލުގައި އޮތް ވެނެޒުއޭލާއާއި ދެކޮޅަށް މިދިޔަ އަހަރު އާޖެންޓީނާ ކުޅުނު މެޗު ނިމުނީ 2-2ން ދެ ޓީމް އެއްވަރުވެގެންނެވެ.