ކުޅިވަރު

އަތޮޅު ވޮލީބޯޅަ މުބާރާތް ފަސްކުރަނީ


އަންނަ މަހު ފަށަން ހަމަޖައްސާފައި އޮތް އަތޮޅު ވޮލީބޯޅަ މުބާރާތް ތައްޔާރުނުވެވޭތީވެ ފަސް ކުރަން ޖެހިދާނެ ކަމަށް ވޮލީބޯލަ އެސޯސިއޭޝަނުން ބުނެފިއެވެ.

ވޮލީ އެސޯސިއޭޝަނުގެ ޑިވެލޮޕަންޓް އޮފިސަރ މުހައްމަދު ޝާފީ ބުނީ ނަމަކަށް މުބާރާތް ބާއްވަން ބޭނުންނުވާ ކަމަށެވެ. އަދި މިހާތަނަށް މުބާރާތުގެ ތައްޔާރީތަކަށް ބަލާއިރު ތަފާތު ސަބަބުތަކާހެދި އަތޮޅު މުބާރާތަށް އެއްވެސް ވަރަކަށް އަތޮޅުތަކަށް ތައްޔާރުވެވިފައިނުވާ ކަމަށެވެ. ނަމަވެސް އޭނާ ބުނީ ބައެއް ޒޯންތަކުން ޒޯނު މުބާރާތަށް ތައްޔާރުވާން ފަށާފައިވާ ކަމަށެވެ.

"ބައެއް ޓީމްތަކުން ތައްޔާރުވާންވެސް ފަށައިފި ހަމަ ވަރަށް ރަނގަޅަށް، އެކަމަކު އެސޯސިއޭޝަނުން ބޭނުންނުވަނީ ހަމަ މުބާރާތެއް ބާއްވާލަން، އެހެންވެ ލަސްވާނެކަމަށް މިބަލަނީ" ޝާފީ ބުންޏެވެ.

ޒޯން މުބާރާތަކީ އަތޮޅު މުބާރާތުން ހޮވޭ ޓީމުތަކަށް ކުޅޭ މުބާރާތަކަށް ވާތީވެ މިވަގުތު ވިސްނުން ހުރީ އަތޮޅު މުބާރާތް ރަނގަޅު ފެންވަރެއްގައި ބާއްވަން މުބާރާތް ފަސްކުރުމަށް ކަމަށްވެސް ޝާފީ ފާހަގަކުރިއެވެ. ޝާފީ  ބުނީ ތައްޔާރުނުވެވުމުގެ މައްސަަލަ ދިމާވީ ތަފާތު ސަބަބުތަކާހުރެ އެކަށީގެންވާ ގޮތަށް އެސޯސިއޭޝަނަށް ވެސް މައުލޫމާތު ފޯރުކޮށްދެވިފައިނުވާތީ ކަމަށެވެ.

އަތޮޅު މުބާރާތް ފަސްކުރަން ޖެހުނު ނަމަވެސް އެސޯސިއޭޝަން ކަޕާއި މި އަހަރު އަލަށް ބާއްވާ ވެޓަރަންސް މުބާރާތް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށްވެސް ޝާފީވަނީ ފާހަގަކޮށްފައެވެ.