ޚަބަރު

ޗައިނާ ކުންފުންޏެއްގެ 1000 މުވައްޒަފުން ޗުއްޓީގައި ރާއްޖެއަށް!!


ޗައިނާގެ އަމިއްލަ ވިޔަފާރި ކުންފުންޏެއްގެ ހާހަކަށް ވުރެ ގިނަ މުވައްޒަފުން އެ ކުންފުނީގެ ޙަރަދުގައި ޗުއްޓީހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.

ޗައިނާގެ އެންމެ މަޝްހޫރު ސޯޝަލް މީޑިޔާ ޕްލެޓް ފޯމު ކަމަށްވާ ވީޗެޓުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ފުއައިބާއޯ ކޮމާސް އެންޑް ޓްރޭޑް ކޯޕަރޭޝަން ލިމިޓެޑުން ކުރިއަށް ގެންދާ ގްލޯބަލް ޓުއަރއިން އެކުންފުނީގެ މުވައްޒަފުން ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް އައި މިއީ ދެވަނަ ފަހަރެވެ. ފުއައިބާއޯ ކޮމާސް އެންޑް ޓްރޭޑް ކޯޕަރޭޝަން ލިމިޓެޑުން އަންނަނީ ކޮންމެ އަހަރަކުވެސް އެކުންފުނީގެ މުވައްޒަފުންނަށް ދުނިޔޭގެ އެކި ޤައުމުތަކުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދެމުންނެވެ. އެގޮތުން ތައިލޭންޑާއި ސިންގަޕޯރ ފަދަ ޤައުމުތަކަށް އެކުންފުނީގެ މުވައްޒަފުން ގެންގޮސްފައިވެއެވެ. އަދި ދެހާސް ފަނަރަ ވަނަ އަހަރު އެކުންފުނީގެ މުވައްޒަފުން ވަނީ ރާއްޖެއަށް ގެނެސްފައެވެ.

img:http://s1.psmnews.mv/images/660x400/15044509705592.jpg|ގްލޯބަލް ޓުއަރއިން ކުންފުނީގެ މުވައްޒަފުން ރާއްޖޭގައި / މުވައްޒަފުންގެ ޗުއްޓީއަށް ޚަރަދުކުރާނީ ކުންފުނިން

އެކުންފުނިން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ ފުރަތަމަ ބެޗްގައި ފުއައިބާއޯ ކޮމާސް އެންޑް ޓްރޭޑް ކޯޕަރޭޝަން ލިމިޓެޑުންގެ ސީއީއޯގެ ޝަޕޯފިން ބުނީ އޭނާ ރާއްޖެއަށް އައި މިއީ ތިންވަނަ ފަހަރު ކަމަށެވެ. އަދި ކުރިއަށް އޮތްތާގައިވެސް ރާއްޖެއަށް އައުމަށް ވިސްނާކަމަށް ޝަޕޯފިން ބުންޏެވެ.

ފުއައިބާއޯ ކޮމާސް އެންޑް ޓްރޭޑް ކޯޕަރޭޝަންގެ މުވައްޒަފުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން ގިނަ މީހުން މިއީ ރާއްޖެއަށް އައި ދެވަނަ ފަހަރުއެވެ. ރާއްޖެއަށް ދެވަނަ ފަހަރަކަށް އާދެވުނީމާ ވަރަށް އުފާވާ ކަމަށް އެމީހުން ބުންޏެވެ. ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު ޗައިނާއިން ސަތޭކަ ސާޅީސް އެއްހާސް އަށް ވުރެ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.