ޚަބަރު

"ބަނޫން ޢީދު ފެސްޓިވަލް"ގެ ނަމުގައި ޚާއްސަ ހަވީރެއް ބާއްވައިފި


މާލޭގައި ޢަޟުޙާ ޢީދު ފާހަގަކުރުމަށް ޖަމްޢިއްޔަތުއް ސަލަފުން އިސްނަގައިގެން ކުޑަކުދިންނަށް އަމާޒުކޮށްގެން "ބަނޫން ޢީދު ފެސްޓިވަލް"ގެ ނަމުގައި ޚާއްސަ ހަވީރެއް ބާއްވައިފިއެވެ.

ރަސްފަންނު ސަރަޙައްދުގައި ކުރިއަށްދިޔަ މި ހަވީރުގައި ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތަކެއް ކުރިއަށް ގެންގޮސްފައިވާއިރު މިޙަރަކާތްތަކުގައި ބައިވެރިވުމަށް ގިނަ ޢަދަދެއްގެ ކުޑަކުދިންވަނީ ރަސްފަންނަށް ޒިޔާރަތްކޮށްފައެވެ. ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ސަލަފް ޖަމްޢިއްޔާގެ މެމްބަރު ހަސަން އަޒްމާން ވިދާޅުވީ ޢީދު މިފަދަގޮތަކަށް ސަލަފުން ފާހަގަކޮށްފައިވަނީ ދީނީ ހަމަތަކުގެ މަތިންވެސް މި މުނާސަބާ ފާހަގަކުރެވޭނެކަން ޢާއްމުނަށް އެންގުމަށްޓަކައިކަމަށެވެ.

ޢަޟުޙާ ޢީދު ފާހަގަކުރުމަށް ސަލަފުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ހަވީރުގައި ބައިވެރިވި ކުދިން ވަނީ މިފަދަ ގޮތަކަށް ޢީދު ފާހަގަކުރުމުން ހިތްހަމަޖެހޭކަން ފާހަގަކޮށްފައެވެ.

ޢަޟުޙާ ޢީދާ ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތަށް ކުރިއަށްދާއިރު ސަލަފުންވަނީ މިރެއާއި މާދަމާވެސް ޢީދުގެ ކުޅިވަރުތައް ކުރިއަށް ރާވާފައެވެ. އެގޮތުން މިރޭ 8 ޖަހާއިރު ބޮޑެތި ކުދިންނަށް ޚާއްސަކޮށްގެން ބަންޖީ ޖަމްޕް، ވޯޓަރ ސްލައިޑް ފަދަ މަޖާ ތަފާތު ކުޅިވަރުތަށް ހަމަޖެހިފައިކަމަށް އެޖަމްޢިއްޔާއިން މަޢުލޫމާތުދެއެވެ. ތުއްތު ކުދިންނަށް އިންތިޒާމްކުރި ޢީދު ހަވީރު މާދަމާ ހަވީރުވެސް އޮންނާނެކަމަށް ސަލަފުން މަޢުލޫމާތުދެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށްދަނީ ޢަޟުޙާ ޢީދު ފާހަގަކުރަމުންނެވެ.