ޚަބަރު

ޙައްޖުވެރިއަކު ގެއްލިގެން ހޯދަނީ


ޙައްޖުވެރިން މުޒުދަލިފާއިން މިނާއަށް ދިޔައިރު، މިނާއަށް ނުދާކަން ފާހަގަކުރެވުނު ދެ ދިވެހިންގެ ތެރެއިން އެކަކު ފެނި، އަނެއް މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.

މި ދެމީހުން ޙައްޖަށް ގޮސްފައިވަނީ ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައެވެ. މިހާތަނަށް ފެނުނު މީހާއަކީ އަންހެނެކެވެ. އޭނާ ފެނިފައިވަނީ މިނާއާއި މުޒްދަލިފާ ހިމެނޭ ސަރަޙައްދުގައި ހުންނަ ކުވައިތު މިސްކިތް ކައިރިންނެވެ. މުޒުދަލިފާއިން ޙައްޖާޖީން ދަތުރުފެށިއިރު އޭނާއަށް ބަހަށް އެރޭގޮތް ނުވެ އަދި އޭނާ ބަހަށް ނާރާކަން އެހެން ޙައްޖާޖީންނަށް ފާހަގަކުރެވިފައި ނުވަނީ، ހޫނުގެ ސަބަބުން އޭނާ ބޯނއަބުރާގޮތް ވުމުން މަޑުކޮށްލައިގެން ހުރުމުންނާއި އެކަން އެހެން މީހަކަށް ފާހަގަކުރެވިފައި ނުވާތީކަމަށް ރާއްޖޭގެ ޙައްޖު މިޝަނުން ބުނެއެވެ. 

ފެނުނު މީހާ ދިވެހި އެހެން ޙައްޖާޖީންނާއެކު އުޅެމުން އަންނައިރު އަނެއް މީހާ ހޯދުމަށް ފުޅާދާއިރާއެއްގައި އަންނަނީ މަސައްކަތްކުރަމުންނެވެ. މީނާ އަދި ނުފެންނާތީ އެކަން، ސަޢޫދީ ރޯޔަލް ފުލުހުންނާއި ޙައްޖު ސެކިޔުރިޓީގެ ސަމާލުކަމަށް ގެނައުމުން އެފަރާތްތަކުންވެސް އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އެބަގެންދެއެވެ. އަދި ރާއްޖޭގެ ޙައްޖު މިޝަންގެ އޮފިޝަލުންނާއި ޙައްޖު ކޯޕަރޭޝަންގެ ފަރާތުންވެސް އޭނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރަމުން ގެންދާކަމަށް ދިވެހި ޙައްޖު މިޝަނުން ބުނެއެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިއަހަރު މައްކާއަށް ދިޔަ ދިވެހި ޙައްޖާޖީންގެ ޙާލު ރަނގަޅުކަމަށް ޙައްޖަށް މީހުން ގެންދިޔަ ފަރާތްތަކުން ވަނީ ބުނެފައެވެ.

ރާއްޖެއިން މިއަހަރު އެއްހާސް ތިންސަތޭކަ މީހުން ޙައްޖަށް ގޮސްފައިވެއެވެ. ރާއްޖެއިން ޙައްޖަށްދާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި އަދި ޞިއްޙީ ރައްކާތެރިކަމަށާއި ދަތުރުފަތުރުކުރުމުގައި ރައްކާތެރިވާންޖެހޭ ކަންކަމުގެ މައްޗަށް ކޮންމެ އަހަރަކު ޙައްޖަށް ފުރުމުގެ ކުރިން އަންނަނީ އިރުޝާދު ދެމުންނެވެ. އަދި ދަތުރުމަތީގައާއި ސަޢޫދީ ޢަރަބިއްޔާގައި އުޅޭއިރުވެސް ލަފައާއި އިރުޝާދު ދެމުން ގެންދެއެވެ. އަދި ބޭނުންވާ އެހީތެރިކަން ގްރޫޕްތަކުން ދެމުންގެންދެއެވެ. މިކަންކަމަށް ދިވެހި ޙައްޖުވެރިން އެކަށީގެންވާ ގޮތެއްގައި ފަރުވާތެރިވާކަންވެސް ފާހަގަކުރެވެއެެވެ.

ދިވެހި ކޮންމެ ޙައްކުވެރިއަކުވެސް އުޅެމުންދަނީ އެމީހަކަށް ދޫކުރެވިފައިވާ ފާހަކާ އެކުގައެވެ. އަދި ގްރޫޕް ނިޝާނާއި ކާކުކަން އަންގައިދޭ ބޭންޑް ފަދަ ތަކެއްޗާއެކު އުޅޭތީ، ޙައްޖުވެރިޔަކަށް މަގުއޮޅުން ފަދަ ކަމެއް ދިމާވިޔަސް، އެކިފަރާތްތަކުގެ އެހީތެރިކަން ލިބެމުން އަންނަކަންވެސް ފަހަގަކުރެވެއެވެ.