ޚަބަރު

ރާއްޖޭގައި ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއް އުފައްދަނީ


ދިވެހިރާއްޖޭގައި ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއް އުފެއްދުމާ ގުޅޭ ޤާނޫނުގެ ޑްރާފްޓް އެކުލަވާލާ ބަންޑާރަނާއިބުގެ އޮފީހަށް ފޮނުވާފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވީ، ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއް އުފެއްދުމަށްޓަކައި މީގެ ދުވަސްތަކެއްކުރިން ފެށި މަސައްކަތުން އެކަމާގުޅޭ ޑްރާފްޓް އެކުލަވާލާ، ބަންޑާރަ ނާއިބުގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގައި އޮޑިޓް ޚިދުމަތް ފުޅާކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއްކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ. މި މަސައްކަތަކީ އޮޑިޓް ކުރުމުގެ ދާއިރާ ތަރައްޤީކޮށް ދިވެހި ކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށްވެސް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން އޮޑިޓަރުންނާއި އޮޑިޓިންގގެ މުސްތަޤްބަލަށް އުޖާލާ ކަމެއް އަންނާނެކަން ފާހަގަކުރައްވާ އޮޑިޓަރ ޖެނެރަލް ވިދާޅުވީ، މި ދާއިރާއަށް ގުޅޭ ދިވެހި ޒުވާނުން ގިނަވެ، އިންޑަސްޓްރީ ހަރުދަނާވެ، ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ.

ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާއިރު ކައިރި މުސްތަޤްބަލެއްގައި އެކަމުގެ ފައިދާ މި ދާއިރާއަށް ކުރާނެކަމަށް އޮޑިޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

މީގެ އިތުރުން އޮޑިޓާއި އެކައުންޓެންސީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، ހުރި ފުރުޞަތުތަކާއި،  ބަދަލުތަކަށް މަޝްވަރާކޮށް މަޢުލޫމާތު ބަދަލުކުރުމަށް "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް"ގެ ނަމުގައި ޤައުމީ މަހާސިންތާއެއް ކޮންމެ އަހަރަކު ބޭއްވުމަށް ނިންމާ މި މަހާސިންތާ ބޭއްވުމަށް ތައްޔާރު ވަމުން އަންނަކަމަށް އޮޑިޓް އޮފީހުން މަޢުލޫމާތުދެއެވެ.